ހުޅުމާލެ ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދާ ސައިޓެއްގައި މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 7:31 ހާއިރުކަމަށެވެ. އަދި ނިޔާވެފައިވަނީ ޢުމުރުން 40 އަހަރުގެ ބަންގްލަދޭޝް މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަަނަށް ބެލިބެލުމުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާއި ނަމަވެސް މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤްކުރަމުންދާކަމަށެވެ.
ރާއްޖޭގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ސައިޓްތަކުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. މިކަމާއި ގުޅިގެން ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ދަނީ ހަނދާންކޮށްދެމުންނެވެ.