ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ 12:22 ހާއިރުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 61 ވަނަ މީހާއެވެ. އަދި މިއީ މިމަހު ނިޔާވި 9 ވަނަ މީހާއެވެ. ރާއްޖެއިން 61 މީހަކު ކޯވިޑް ޖެހިގެން ނިޔާވިއިރު، އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 8 ބިދޭސީންނެވެ.
މިމަހު މިހާތަނަށް ރާއްޖެއިން 9 މީހަކު ކޯވިޑް ޖެހިގެން ނިޔާވިއިރު، މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ މިމަހުއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރުދުވަހުގެ އިރުއޮއްސި 6:00 އަށް ރާއްޖެއިން އިތުރު 133 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 117 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންނެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19479 އަށް އަރާފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 17002 އަށް އަރާފައެވެ. 2410 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، 162 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.