ދުނިޔެ

ރަން ހޯދަނިކޮށް ބިންގަނޑު ކަނޑައިގެން ގޮސް 6 މީހަކު މަރުވެއްޖެ


އިންޑޮނޭޝިޔާގެ ސުލާވެސީ ޕުރޮވިންސުގައި ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާއެއްގައި 6 މީހުން މަރުވެއްޖެއެވެ. މި ހާދިޘާ ހިނގާފައިވާނީ ސުލާސެވީ ޕްރޮވިންސުގެ ބުރަންގާ އަވަށުގައި ރަން ހޯދުމަށް ޤަވައިދާ ހިލާފަށް މައިނެއް ކޮނެ މަސައްކަތްކުރަމުން ދިޔަ ހިސާބެއްގައެވެ.

އެ ހާދިޘާގައި އެ ސަރަހައްދިގައި ތަށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި އެ ސަރަޙައްދުގެ ކާރިޘާތަކާއި ބެހޭ އޭޖެންސީއން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 15 މީހަކުވަނީ ސަލާމަތްކޮށްފައެވެ.

ސުލާސެވީ ފްރޮވިންސުގެ ވެރިކަންކުރާ ސިޓީ ޕާލުގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނު، ފާތުމަވާތީ ވިދާޅުވީ މި ހާދިޘާގައި ވީ ނުވީއެއް ނޭނގި އެކަކު ގެއްލިފައިވާކަމަށެވެ. އިންޑިނޭޝިޔާގެ އޮފިޝަލުން ބުނީ ޗަކަފޭބުމުގެ ހާދިޘާ މެދުވެރިވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި ކޮނެފައިވާ އެސަރަހައްދުގެ ފަސްގަނޑު ހަމަނުޖެހި އޮތުމުންކަމަށް ބެލެވޭކަމަށެވެ.

ޤަވާއިދާއި ޚިލާފަށް މައިންކުރުމުގެ މަސައްކަތަކީ އިންޑިނޭޝިޔާގައި ވަރަށް އާންމުކަމެކެވެ. ބޮޑެތި އަނިޔާތައް ލިބުމާއި މަރުވުމުގެ ފުރުޞަތު އޮންނަ މި މަސައްކަތްކޮށްގެން އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މާ ބޮޑު އާމްދަނީއެއް ނުލިބެއެވެ. ޗަކަފޭބުމާއި ފެންބޮޑުވުމާއި ކޮނެފައިވާ މި ފަދަ ހޮ ހޮޅަތައް ކަނޑައިގެން ދިޔުމަކީ މި މަސައްކަތުގައި ދިމާވާ ބައެއް ނުރައްކާތެރި ހާދިޘާތަކެވެ.

ވިހަ މާއްދާތަކެއްކަމަށްވާ މާކިއުރީ އާއި ސަޔަނައިޑު މިފަދަ މައިންތަކުގައި ހުންނަ އިރު އެތަންތަނުގައި މަސައްކަތް ކުރާ މީހުން މަސައްކަތްކުރަމުން އަންނަނީ މިކަންކަމަށް އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތިއެވެ.

ދުނިޔޭގައި މައިންކުރާ ރަނުގެ 3 އިންސައްތައަކީ އިންޑޮނޭޝިޔާއިން ނަގާ މައުދަނެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ އެ ޤައުމުގެ ޕަޕުއާ ޕްރޮވިންސުގައި ހުންނަ ގްރަސްބާގު މައިނުން ނަގާ ރަނެކެވެ. އެތަނުގައި 20،000އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ.

އިންޓަގަވަމެންޓަލް ފޯރަމް އޮން މައިނިން، މިނަރަލްސް، މެޓަލްސް އެންޑް ސަސްޓައިނަބަލް ޑިވެލޮޕްމަންޓުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް މައިންކުރުމުގެ މަސައްކަތްތަކުގައި 40 މިލިއަނަށްވުރެ މީހުން ބައިވެރިވެއެވެ. އެ ޢަދަދުދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.