ޚަބަރު

ޕްރިންސް ޕިލިޕް އަދިވެސް ހަސްފަތާލުގައި، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން


ހަސްފަތާލުގައި އެނދުމަތިކޮށްފައިވާ އިނގިރޭސި ރާނީ އެލިޒަބެތުގެ ފިރިކަލުން އަދި ޑޫކް އޮފް އެޑިންބަރގް، ޕްރިންސް ފިލިޕްގެ ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އެމަނިކުފާނުގެ ޢާއިލާއިން ބުނެފިއެވެ.

އުމުރުން 99 އަހަރުގެ ޕްރިންސް ފިލިޕްގެ ޞިއްޙީ ޙާލަތު ރަނގަޅު ނޫންކަމަށް ފާހަގަވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ލަންޑަންގައި ހުންނަ ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައި އެމަނިކުފާނު އެނދުމަތިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. މިހާތަނަށް 7 ދުވަސް އެމަނިކުފާނު ހަސްފަތާލުގައި ހޭދަކުރައްވާފައިވާއިރު، އެމަނިކުފާނުގެ ހަށިގަނޑުގައި އުފެދިފައިވާ އިންފެކްޝަނަކަށް ފަރުވާ ދެމުންދާކަމަށާއި، ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލެސްއުން ބުންޏެވެ.

ޕްރިންސް ފިލިޕްގެ އެންމެ ހަގު ދަރިކަލުން، އެޑްވާޑް ވިދާޅުވީ ބައްޕާފުޅުގެ ޙާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށާއި، ހަސްފަތާލުގައި އޮންނަވަން ޖެހުމުން ޕްރިންސް ފިލިޕަށް ފޫހިކަން އިހުސާސްކުރެއްވެމުންދާކަމަށެވެ. އަދި އެމަނިކުފާނު ބޭނުންވެލައްވަނީ އަވަހަށް ގެއަށް އެނބުރި ވަޑައިގަންނަވަންކަމަށް އެޑްވާޑް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޕްރިންސް ފިލިޕްވަނީ ޞިއްޙީ އެކި މައްސަލަތަކާއި ގުޅިގެން ހަސްފަތާލުގައި ފަރުވާ ހޯއްދަވާފައެވެ. އެގޮތުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއްގެ އިތުރުން ހިތުގެ މައްސަލައަކާއި ގުޅިގެންވެސް މީގެ ކުރިން އެމަނިކުފާނުވަނީ އެނދުމަތިކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ބަކިންހަމް ޕެލަސުންވަނީ ޕްރިންސް ފިލިޕާއި ރާނީ އެލިޒަބެތަށް ކޯވިޑް ވެކްސިން ޖެއްސެވިކަން އިޢުލާނުކޮށްފައެވެ. ކޯވިޑްގެ ސަބަބުން އިނގިރޭސިވިލާތް ލޮކްޑައުން ކޮށްފައިވާއިރު ދެ ބޭފުޅުން ލޮކްޑައުން ޙާލަތުގައި ތިއްބަވަމުންދަނީ މަދު ސްޓާފުންކޮޅަކާއިއެކު ވިންޑްސޯ ކާސަލްގައެވެ.