ޚަބަރު

ކޯލިޝަން އެއްބަސްވުމަށް ޤާނޫނީ ބާރު ދިނުމަށްވެފައިވާ ވަޢުދު ފުއްދަވާނެ: ބަންޑާރަ ނާއިބު


ކޯލިޝަން އެއްބަސްވުމަށް ޤާނޫނީ ބާރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވާނެކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް، ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށްބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރ ނާއިބު ވިދާޅުވީ، ކޯލިޝަން އެއްބަސްވުމަކީ ސިޔާސީ ދެ ޕާޓީއެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމަށާއި، އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނަކަމެއް ނޫންކަމަށެވެ. ނަމަވެސް އެއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށާއި، ކޯލިޝަން އެއްބަސްވުމަކީ ޞައްހަ އެއްބަސްވުމެއްތޯ ނުވަތަ ނޫންކަން ދައުލަތުގެ ބަންޑާރަ ނާއިބު ނުނިންމަވާނެކަމަށެވެ.

"ދެ ސިޔާސީ ޕާޓީއެއްގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ކިހިނެއްތޯ ދައުލަތުގެ ބަންޑާރަ ނާއިބަށް އެއްޗެއް ދެންނެވޭނީ. އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނާނެ ކަމެއް ނޫނޭ. ކޯޓްގައި އެ މައްސަލަ ޗެލެންޖުކުރަން މީހަކު ހުށައަޅައިފިނަމަ އެ ފުރުޞަތު އެބައޮތް ހަމަ. އެކަމު އަޅުގަނޑަކަށް ނުދެންނެވޭނެ އެއީ ޤާނޫނީ ގޮތުން ސައްހަ އެއްބަސްވުމެކޭ، ޞައްޙަ ނޫން އެއްބަސްވުމެކޭ. އެކަން ނިންމަވާނީ މައްސަލަ ބައްލަވާ ފަނޑިޔާރުން. ޤާނޫނު އަސާސީގައި އޮންނާނީ ދައުލަތަށް ލަފާދެއްވާ ބޭފުޅެއްގެ ގޮތުގަ ބަންޑާރަ ނާއިބު." ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވިއެެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ނުފުއްދި ލަސްވެގެން އަދި އުޅެން ނުޖެހޭކަމަށާއި، ރައީސްގެ ވަޢުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުުއްދުމަށް ވެވަޑައިގެންފައިވާ ވަޢުދެއްކަމަށެވެ. ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކަށް ދޭންޖެހޭ ޙިއްސާ ދަމަހައްޓަވާނެކަމަށާއި، މިސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމުވީފަހުން އުފެދުނު ކޮންމެ ސަރުކާރެއްވެސް އިންތިޚާބުވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަރުކާރު ހިންގާތާ މިސަރުކާރަށް މިވީ މުއްދަތާ ހަމައަށް ކޯލިޝަން އޭގެ ޒާތުގައި ދެމިއޮތް ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިސަރުކާރެވެ.

2008ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ރޫޅުނީ 21 ދުވަހުންނެވެ. 2013ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން އެސަރުކާރަށް ގާތްގަނޑަކަށް އަހަރެއްވީތަނާ ވަނީ ރޫޅިފައެވެ.