ކުޅިވަރު

ޕްރިމިއަރ ލީގު ތާވަލްގެ 10 ވަނައަށް ލީޑްސް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ސައުތުހެމްޓަން ބައްދަލުކުރިމެޗް ލީޑްސް ކާމިޔާބުކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ނުފެނުނު ނަމަވެސް ދެޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމުންވެސް ތަނަވަސްކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޖަހައިދިނީ ލީޑްސްގެ ހުނަރުވެރި ފޯވަޑް ޕެޓްރިކް ބެމްފަޑްއެވެ. މިއީ މިސީޒަންގައި އޭނާ ލީޑްސްއަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. މި ލަނޑާއެކު ސައުތުހެމްޓަނުން ލަނޑެއް ޖެހޭތޯ އިތުރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމުން ކުރިއަށް ޖެހުމުގެ ފައިދާ ނަގާ ލީޑްސްއިން ވަނީ މެޗްގެ 78 ވަނަ މިނެޓްގައި އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްޓުއަޓް ޑެލަސްއެވެ. އަދި ފަހު ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ރަފީނިއާއެވެ.

މިކާމިޔާބީއާއެކު ލީޑްސް މިވަނީ ކުޅުނު 25 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ މެޗްގައި އެޓީމަށް ތިން ލަނޑު ކާމިޔާބު ކުރެވުނީ މެޗްގެ ދެ ހާފްގައި ދެއްކި ކުޅުމުގެ ސަބަބުންކަމަށެވެ. އަދި މިމެޗުން މޮޅުވުން އޭނާގެ ޓީމަށް ހައްގު ނަމަވެސް މިމެޗްގައި ދެޓީމްގެ މެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި ފެނުނީ ވަރަށް ހަމަހަމަކުޅުމެއް ކަމަށް ބިއެލްސާ ބުންޏެއެވެ. އަދި އާންމުކޮށް މިހާ އެއްވަރު ދެޓީމް ކުޅޭ އިރު ފުރަތަމަ ލަނޑަކީ ވަރަށް މުހިންމު ދައުރެއް ކުޅޭ އެއްޗެއް ކަމަށާއި މިފަހަރު އެކަން އޭނާގެ ޓީމަށް ކާމިޔާބުކުރެވުނީ ކަމަށެވެ.

މިމެޗުން ބަލިވުމުން ސައުތުހެމްޓަން މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި މެޗަށްފަހު އެޓީމްގެ ކޯޗް ރަލްފް ހަސެންހުޓްލް ބުނީ މެޗްގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ރަނގަޅަށް ކުޅެވުނު ކަމަށާއި ނަމަވެސް ދެވަނަ ހާފް ވެގެންދިޔަ އޭނާގެ ޓީމަށް އެއްވެސް ވަރަކަށް ނުކުޅެވުނު ހާފަކަށް ކަމަށެވެ. އަދި ދެވަނަ ހާފްގައި ދެއްކި ކުޅުމަށް ބަލާއިރު މިމެޗުން އެޓީމް ބަލިވުން ހައްގު ކަމުގައިވެސް އޭނާ ބުންޏެއެވެ.