ޚަބަރު

ސިޔާސީ ކަންކަމުގައި ވަކި ފަރާތަކަށްޖެހޭ ފުލުހުންނާމެދު ފިޔަވަޅު


ސޯޝަލް މީޑިޔާގައި ޝާޢިއު ކޮށްފައިވާ ހުންނަ ސިޔާސީ އެކިއެކި ލިޔުންތަކާއި ފޮޓޯތަކަށް ކޮމެންޓުކޮށް، ލައިކް ދީ، އަދި ސިޔާސީ ގޮތުން ވާހަކަދައްކާ ފުލުހުންނާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.މިކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޓްސް ކޮމާންޑްއިންް ފުލުހުންގެ ހުރިހާ ޑިޕާޓްމަންޓަކަށް ސިޓީއަކުން އަންގާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކަށް ފޮނުވި އެސިޓީގައި، ސޯޝަލް މީޑިޔާގައި ޝާޢިއުކޮށްފައި ހުންނަ ލިޔުންތަކާއި ފޮޓޯތަކަށް ކޮމެންޓްކޮށް، ލައިކް ދީ، ޝާޢިއުކޮށް، ރީ-ޓުވީޓުކުރާ ފުލުހުންނާއި މެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް އަންގާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިއީ އަބަދުވެސް ފުލުހުންގެ މެދުގައި ހިފަހައްޓަންޖެހޭ އުސޫލެއްކަމަށް ފުލުހުންގެ ޤާނޫނޫގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ޤާނޫނުގެ 69 މާއްދާގައި ފުލުހުން ކުރުން މަނާ ތިން ކަމެއްގެ ގޮތުގައި، ވަކި ފަރާތަކަށް ނުޖެހި، ފުލުހެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް ކަމެއް ކުރުމާއި، ނުވަތަ އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާކޮށްފައި ވާނެކަމާއި، އަދި އެ މާއްދާގެ (ށ) ގައި ވަކި ފަރާތަކަށް ނުޖެހި، އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެކަމާއި މެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ ހަރަކާތެއް ބައިވެރިވުން މަނާކޮށްފައި ވާކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް މާލީ ހޭދައެއް ކުރުން ވެސް އެ މާއްދާގެ (ނ) ގައި މަނާކޮށްފައި ވާކަން ފުލުހުންގެ ޤާނޫނުގައި ބުނެފައިވެއެވެ.