ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދައިދޭން މަޖިލީހުން ފާސްކޮށްފި


އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާއި، މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން އެދަރިވަރުންނަށް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އައްޑޫގައި ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް އެދި މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ދަރިވަރުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާޤުންނެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެ ހޯދައިދިނުމަށް އަދި މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ޤައުމީ ތަރިކައިގެ ކޮމިޓީންނެވެ. އެކޮމިޓިން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށެވެ. އަދި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިންކަމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފްލައިންގ ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ޤައުމުގެ ކުރިމަގަށާއި ޤައުމުގެ އިޤްތިޞާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއްކަމަށް ކޮމިޓީއަށް ފެންނަކަމަށާއި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދިވެހިރާއްޖޭގައި އެފަދަ ފްލައިންގ ސްކޫލެއް ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގައި ކިޔަވަމުން އަންނަ ކުދިންގެ ކިޔެވުމަށް ބުރޫއަރާ އެކުދިންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން މަޖިލީހަށް ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ބިދޭސީ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ މެދުގައި ސްކޫލުން ތަފާތުކުރާކަމަށް ބުނެފައިވެއެވެ. އެގޮތުން، ބިދޭސީ ދަރިވަރުންގެ ތަމްރީނުތައް ނިންމުމަށް ސްކޫލުން އިސްކަންދޭކަމަށާއި، ދިވެހި ދަރިވަރުން ކޯސް ފުރިހަމަކުރުމަށް އެތައް އަހަރެއް ހޭދަވާއިރު ކޯސް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިދޭސީ ދަރިވަރުންނަށް ކޯސް ނިންމައިދޭކަމަށްވެސް އެކުދިން ބުނެފައިވެއެވެ. މީގެ އިތުރުން އުދުހުމުގެ ތަމްރީނުތަކުގެ ތާވަލު ދަރިވަރުންނަށް ޢާންމުނުކޮށް އެ ތާވަލު ސްކޫލުން ސިއްރުކުރަމުން ގެންދާކަމަށާއި، އެކަމުގެ ސަބަބުން ދަރިވަރެއްގެ ތަމްރީނު އެއްވެސް ސަބަބަކާހުރެ ކެންސަލްވީ ނަމަވެސް ތާވަލުން ޖާގައެއް ހުސްފައިވާކަން އެހެން ދަރިވަރުންނަށް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުންވެސް ގިނަ ކަންބޮޑުވުންތަކެއް އެދަރިވަރުން މަޖިލީހާއި ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގައި ހުރި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިތުރު 2 ފްލައިން ސްކޫލް ޤާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ޙަރަކާތްތެރިވާ ދެކުންފުންޏަކުން މިހާރު ވަނީ ފަށާފައެވެ. އެއީ ވިލާ އެއާރއާއި މަންޓާ އެއަރއިންއެވެ.