ދުނިޔެ

ޗައިނާގެ މުސްލިމުންގެ ޙާލަތު ބަލަން ދާން ހުއްދަދިނުމަށް ގޮވާލައިފި


ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި ދިރިއުޅޭ އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންގެ ޙާލަތާއިމެދު ކަންބޮޑުވުން ފައުޅުކޮށް، އެ ސަރަޙައްދަށް ދިޔުމުގެ ޙުއްދަ އދ.އަށް ދިނުމަށް ގޮވާލާފައިފިއެވެ. ވިލާތުގެ ބާރުތަކާއި ތުރުކީވިލާތުން މިކަމަށް ގޮވާލުމުން ޗައިނާއިން ވަނީ އުއިގަރ މުސްލިމުންނަށް އިހާނެތިކޮށް ހިތަމުންދާކަމަށް ކުރާ ތުހުމަތުތައް އަނެއްކާވެސް އެކަން ދޮގުކޮށްފައެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ މާހިރުންނާއި އެކްޓިވިންސްޓުން ބުނަމުންދަނީ ޗައިނާގެ ސަރުކާރުން ޝިންޖިއާން ޕްރޮވިންސުގައި އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ އެތައް ހާސް މުސްލިމުންނެއް ޝިންޖިއާންގައި ބަންދުކޮށްފައިވަނީ ތަފާތު އެކި ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނަ އެޅުމާއި ދެކޮޅަށް މަސައްކަތް ކުރުމުންކަމަށެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލުގައި ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު، ވެންގް ޔީ ވިދާޅުވީ ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ހައްދުފަހަނަ އަޅާ ދިޔުމާއި ނިރުބަވެރިކަމާއި ދެކޮޅަށް އެ ޤައުމުގެ ޤާނޫނުގައި ވާގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ ހަތަރު އަހަރު ވަންދެން ނިރުބަވެރިކަމާއި ގުޅުންހުރި އެއްވެސް މައްސަލައެއް ޝިންޖިއާންއިން ފެނިފައި ނުވާކަމަށާއި އިޖުތިމާއީ ހަމަޖެހުމާއި ތަރައްޤީ އެ ސަރަޙައްދަށް އަންނަމުންދާކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޝިންޖިއާންގައި 24،000އަށްވުރެ ގިނަ މިސްކިތް ހުންނަކަމަށެވެ. އަދި ޝިންޖިއާންގައި ދިރިއުޅޭ މީހުންނަށް އެ ތަންތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދީފައިވާކަމަށެވެ. އެކަންކަމުންވެސް ދޭހަކޮށްދެނީ ޝިންޖިއާންގައި ޗައިނާގެ ސަރުކާރުން ޖަރީމާއެއް ހިންގާފައި ނުވާކަމާއި، މީހުން ލައްވާ ގަދަކަމުން މަސައްކަތްނުކުރުވާކަމާއި ދީނީގޮތުން ފިއްތުންތައް ކުރިމަތި ނުކުރުވާކަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ތުހުމަތުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ވެންގްވަނީ އދ.ގެ ވަފުދުތަކުން އެސަރަހައްދަށް ޒިޔާރަތްކޮށް އެތަނުގެ ޙާލަތު ބަލައި ހަގީގަތް ސާފުކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންވަނީ ޗައިނާއިން އުއިގަރ މުސްލިމުންނާއި ދެކޮޅަށް ޖަރީމާ ހިންގާފައިވާކަމަށް އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި ޗައިނާގެ އަމަލުތަކާއި ގުޅިގެން އެ ޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ތައްޔާރުވާންޖެހޭކަމަށް ރައީސް ބައިޑަންގެ ސަރުކާރުންވަނީ ބުނެފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބްވެސް ވަނީ އުއިގަރ މުސްލިމުންނާއިމެދު ޗައިނާގެ ސަރުކާރުން އަމަލުކުމުންދާ ގޮތް ކުށްވެރިކޮށްފައެވެ. އަދި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސްވެސްވަނީ ޝިންޖިއާން ޕްރޮވިންސުގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅުމާއި ޗައިނާއިން ހޮންގުކޮންގާއި މެދު ކަންތައް ކުރަމުންދާގޮތާއި މެދު ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލުވެސްވަނީ ޝިންޖިއާން މައްސަލައިގައި ދެފުށް ފެންނަ ގޮތަށް ޗައިނާއިން އަމަލުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.