ދުނިޔެ

ކޮންގޯގައި ހުންނަ އިޓަލީ ސަފީރު މަރާލައިފި


ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަވާ އިޓަލީގެ ސަފީރު ސަފީރު ލޫކާ އެޓަނާސިއޯ މަރާލައިފިއެވެ. އެނާ މަރުވެފައިވަނީ އދ.ގެ ވަފުދަކާއިއެކު ރުތުޝުރު ކިޔާ އަވަށަކަށް ދަތުރުކުރައްވަމުން ދަނިކޮށް އދ ގެ ވަފުދަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ.

އދ އިން ހިންގާ ވޯލްޑް ފުޑް ޕްރޮގްރާމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއްގައި ބަލާލުމަށް ދަތުރުކުރަމުންދިޔަ ވަފުދުގައި ސަފީރު އެޓަނާސިއާގެ އިތުރުން 6 މީހަކު ހިމެނެއެވެ. އެ ވަފުދާއިއެކު އެއްވެސް ސަލާމަތީ ބާރެއް ދަތުރުކޮށްފައެއް ނުވެއެވެ. އެ ވަފުދު މި ދަތުރުގައި ބޭނުންކުރަމުންދިޔަ މަގަކީ ސަލާމަތީ ބާރުތަކާއިނުލާވެސް ދަތުރުކުރުމަށް ރައްކާތެރި މަގެއްގެ ގޮތުގައި މީގެކުރިން ކަނޑައަޅާފައިވާ މަގެކެވެ.

ނޯތު ކީވޫގެ ގަވަރުނަރު، އެންޒަންޒޫ ވިދާޅުވީ އދގެ ވަފުދު ދަތުރުކުރަމުން ދަނިކޮށް ބަޔަކު ބަޑިން ހަމަލާދީ އެ ވަފުދު ހުއްޓުވާފައިވާކަމަށެވެ. އެއަށްފަހު ސަފީރާއި އެ އުޅަނދުގައި ދަތުރުކުރަންދިޔަ ހުރިހާ އެންމެން އުޅަނދުތަކުން ބާލާފައިވާކަމަށެވެ.

ހަމަލާ ދިން މީހުން ބޭނުންވީ ސަފީރު އަތުން ފައިސާ ހޯދުމަށްކަމަށްވަނީ އެނގިފައިވާކަމަށްވެސް އެންޒަންޒޫ ވިދާޅުވިއެވެ. އެމީހުން ދިން ބަޑީގެ ހަމަލާތަކުގައި ސަފީރުގެ ފާރަވެރިޔާ އަދި އުޅަނދު ދުއްވަމުންދިޔަ ކޮންގޯގެ ޑްރައިވަރުވެސްވަނީ މަރާލާފައެވެ. ސަފީރުގެ ގަޔަށް ވަޒަން އެރީ، އެކަމުގެ ޚަބަރު ލިބުމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވި ބަޔަކާއި ދެމެދު ހިނގި ބަޑީގެ ހަމަލާތަކުގެ ތެރޭގައެވެ. މި ވަފުދުގައި ހިމެނެނު އެހެން ބައެއް މީހުންވެސް ވަނީ މި ހާދިސާގައި ޒަހަމްވެފައެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައި ނުވާއިރު ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ކޮންގޯގެ ޚާރިޖީ ވަޒީރު މާރީ އެންޓުމްބާ އެންޒީޒާވަނީ ހަމަލާގެ ފަހަތުގައިވާ މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ފަރާތުން ކުރާނެކަމުގެ ޔަޤީންކަން އިޓަލީވިލާތުގެ ސަރުކާރަށް ދީފައެވެ.

އެޓަނާސިއޯއަކީ ކޮންގޯގައި މަރާލި ވިލާތުގެ ޤައުމެއްގެ ދެވަނަ ސަފީރެވެ. 1993ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ފަރަންސޭސިވިލާތުން ކޮންގޯއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ފިލިއްޕޭ ބޭނޭޑްވަނީ އެ ޤައުމުގެ ކޮންޝާސާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކެއްގައި މަރާލާފައެވެ.