ޚަބަރު

ޗައިލްޑް ޕާރޓިސިޕޭޝަން ސްޓްރެޓަޖީއެއް އިފްތިތާޙުކޮށްފި


އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކް އާ ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގި ޗައިލްޑް ޕާޓިސިޕޭޝަން ޕްރޮޖެކްޓްގެ ދަށުން ޗައިލްޑް ޕާޓިސިޕޭޝަން ސްޓްރެޓެޖީއެއް މިއަދު އިފްތިތާޙްކޮށްފިއެވެ.މީގެ ބޭނުމަކީ މުޖުތަމައުގައި ކުޑަކުދިންގެ ބައިވެރިވުމުގެ އަގުވަޒަންކުރާ ސަގާފަތެއް ދިރުވައި އާލާކުރުމާއި، ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުދިންގެ ޚިޔާލު ހޯދައި އެކުދިންގެ ބައިވެރިވުން އިތުރުކުރުމެވެ. މި ސްޓްރެޓެޖީ އިފްތިތާހްކޮށްދެއްވީ މިކަމައްޓަކައި ވިލާކޮލެޖްގައި ބޭއްވި ހަފްލާއެއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން އަޙްމަދު ޝަފީއުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ޝަފީއު ވިދާޅުވީ، މީގެ ކުރިން ސްކޫލަތަކުގެ ކަންކަމުގައިވެސް ސްކޫލް ދަރިވަރުން އަމިއްލައަށް އިސްނަގައިގެން އިތުރު ހަރަކާތްތައް ރާވާ ހިންގަމުންދާކަމަށާއި، ނަމަވެސް މިހާރު ގިނައިން ފެންނަނީ ހުރިހާ ކަމެއްވެސް ބެލެނިވެރިން އެކުދިން އަތުގައި ހިފައިގެން ކުރާތަންކަމަށެވެ.ޝަފީއު ވިދާޅުވީ، މުޖުތަމައުގެ މިހާރުގެ ހާލަތު ހުރިގޮތުން ބެލެނިވެރިންގެ އަޅާލުން ދަރިވަރުންނަށް ބޭނުންވާކަމަށާއި، ނަމަވެސް ދަރިވަރުން ޅައުމުރުގައި ކަންކަން ނިންމާ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ދަރިވަރުންނަށްވެސް އިސްނަގައިގެން ހަރަކާތްތަކެއް ހިންގާއިރު، އެކުދިންންނާއި ގުޅުންހުރި ދާއިރާތަކުގެ ކަންކަމުގައި އެނގެން ބޭނުންވާ މައުލޫމާތު އެފަދަ މުއައްސަސާތަކުގެ އިސްވެރިންނާއި ސްވާލުކޮށްގެން ހޯދުމަކީ އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.މިހަފްލާގައި ޗައިލްޑް ޕާޓިސިޕޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދެވުނު ފުރަތަމަ ފިޔަވަހީގައި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި، ވިލާ އިންޓަރނޭޝަނަލް އަދި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ގްރޭޑް 11 ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން އިސްނަގައިގެން އުފައްދައި ހުށައެޅި ރޭޑިއޯ ޕްރޮގްރާމް "ކުދިންގެ އަޑު" ގައި ބައިވެރިވި ދަރިވަރުންނަށް އެކަމުގެ އަގުވަޒަންކޮށް ސެޓްފިކެޓް ދީފައިވެއެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން އާރކްގެ އެގްޒެކްޓިވް ޑިރެކްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކުޑަކުދިންގެ ބައިވެރިވުން މުޖުތަމައުގައި އާންމުކުރުމަށް، ޗައިލްޑް ޕާޓިސިޕޭޝަން ސްޓްރެޓެޖީއެއް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުން މުހިންމުކަމަށެވެ. އެގޮތުން މި ސްޓްރެޓަޖީގެ ތެރެއިން ރަށުފެންވަރުގަ އާއި ގައުމީ ފެންވަރުގައި ކުދިންނާއި ގުޅޭ ކަންތައްތަކުގައި ނިންމާ ނިންމުންތަކަކީ، އެކުދިންގެ ބައިވެރިވުން ލިބިގެން ނިންމާ ނިންމުންތަކެއްކަމުގައި ވެގެންދާނެކަމަށްވެސް ޒެނީޝާ ވިދާޅުވިއެވެ.ޗައިލްޑް ޕާޓިސިޕޭޝަން ސްޓްރެޓެޖީ އެކުލަވާލެވުނީ، އާރކް އާ ޔުނިސެފް މޯލްޑިވްސް އާދެމެދު 2014 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ހިމަނާފައިވާ ޗައިލްޑް ޕާޓިސިޕޭޝަން ޕްރޮޖެކްޓްގެ ދަށުންނެވެ.