ދުނިޔެ

ތުރުކީގެ މީޑިއާއެއް ސަރުކާރުގެ ބާރުގެ ދަށަށް


ތުރުކީގެ ސަރުކާރާއި އިދިކޮޅު ފަތުހުﷲ ގުލެންއަށް ނިސްބަތްވާ ކޮޒާ އިޕެކް މީޑިއާ
ގްރޫޕްގެ އޮފީސްތަކަށް ތުރުކީގެ ފުލުހުން ވަދެ އެތަން ފުލުހުންގެ ބާރުގެ ދަށަށް
ގެނެސް މިހާރު އެމީޑިއާ ގްރޫޕްގެދަށުން ނެރެމުންދިޔަ ހުރިހައި ނިއުސްޕޭޕަރތަކާއި
ޓީވީ ސްޓޭޝަންތަކެއް މެނޭޖް ކުރަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ
ޓްރަސްޓީއެއްގެ ދަށުންނެވެ. އެއާއެކު އެތަންތަނުގެ އެޑިޓޯރިއަލް ޕޮލިސީތައްވަނީ
ބަދަލުކޮށްފައެވެ.

މިމީޑިއާގްރޫޕުގެ އޮފީސްތަކަށް ފުލުހުންވަނީ ތުރުކީގެ ޕަބްލިކް
ޕްރޮސެކިއުޓަރގެ އަމުރަކަށެވެ. އެއީ މިމީޑިއާ ގްރޫޕްއާއި ތުރުކީގެ ސަރުކާރާއި
އިދިކޮޅު ފަތުހުﷲ ގުލެންއާއި އޮތް ގުޅުން ތަހްގީގު ކުރުމަށެވެ. ތުރުކީގެ ސަރުކާރުން
ޚާއްސަކޮށް ރައީސް ރިސެޕް ތައިޕް އޮރްދޮޣާންއާއި ބޮޑުވަޒީރު ތުހުމަތުކުރައްވަނީ
ސަރުކާރު ވަށްޓާލުމަށްޓަކައި ފަތުހުﷲ ގުލެން އަޑިއަޑިން ރޭވުންތައް ރާވައި
ފުލުހުންނާއި ޖުޑިޝަރީގެ ތެރެއަށް އޭނާއަށް ވަފާތްތެރި މީހުން އެކިގޮތްގޮތުން
އެތެރެކޮށްފައިވާ ކަމަށެވެ. ދާދިފަހުން ފުލުހުންގެ ވަރަށް އިސްފަރާތްތަކެއް
މަގާމުން ދުރުކޮށް ތަހްގީގުކުރެވެމުން އެބަދެވެ. ފަތުހުﷲ ގުލެންއަކީ ވަރަށް
މުއްސަނދި ކުރިން ރައީސް އޮރްދޮޣާންއާއި ވަރަށް ގާތް އެކުވެރިއެކެވެ.
އެހެންނަމަވެސް ތުރުކީގެ ސޮސައިޓީގައި ގުލެން އޭނާގެ ބާރާއި ނުފޫގަދަކުރުމަށް ހިންގާ
ހަރަކާތްތަކަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް
ކުރިމަތިކުރަންފެށުމުން އެމެރިކާގެ ޕެންސިލްވީނިއާގައި ހުރެގެން ސަރުކާރާއި ދެކޮޅު
ރޭވުންތައް ރާވަންފެށީއެވެ.

އޭނާގެ ރޭވުންތަކާއިއެކު ތުރުކީގެ
ފުލުހުންގެތެރެއިންނާއި ޖުޑިޝަރީން ސަރުކާރަށް ނިސްބަތްވާ އެކިއެކި ކަންކަމަށް
ކުރިމަތިކުރަންފެށި ޗެލެންޖްސްތަކަށް ރައީސް އޮރްދޮޣާން ވިދާޅުވަނީ ސަރުކާރާއި
ވަކިން ސަރުކާރުތެރޭގައި އޮންނަ ބައިގަޑެއްކަމަށެވެ. އެބައިގަޑު ރޫޅާލުމަށްޓަކައި
ވަރަށް ގިނަ ކަންކަން ސަރުކާރުން ފަށާފައިވެއެވެ. އޭނާއަކީ ޓެރަރިސްޓެއްކަމަށް
ލޭބަލްކޮށްފައިވެއެވެ. އެންމެފަހުން މިއެޅި ފިޔަވަވަޅަކީ އޭނާގެ ފައިސާއިން ހިންގާ
މީޑިއާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމެވެ. މިމީޑިއާ ބޭނުންކޮށްގެން ސަރުކާރުގެ
ވެރިން ބަދުނާމުކުރުމާއި ވަރަށް ގިނަ ތުހުމަތުތަކެއް ކޮންމެ ދުވަހަކު ކުރެއެވެ.
ކޮންމެއަކަސް ސަރުކާރުން މިއެޅި ފިޔަވަޅާއެކު މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް
އަރައިގަތުންކަމަށްބުނެ އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ފާޑުކިއުންތައް
ކުރިމަތިކުރިއެވެ. އިދިކޮޅު ޕާޓީތަކުގެ ލީޑަރުންވެސް ވަރަށް ފާޑުކިއެވެ. އެކަމަކު
އެފާޑުކިއުންތަކަށް ތުރުކީ ސަރުކާރުން އަޅައެއް ނުލައެވެ. އެމެރިކާއާއި ޔޫރަޕްގެ
އިއްތިހާދުން ފާޑުކިޔަސް އެކަމާއި ދެކޮޅަށް ކުރެވޭނެ އެހެން މާކަބޮޑު ކަމެއް
ނެތެވެ. ތުރުކީއަކީ މިހާރު ޔޫރަޕާއި އެމެރިކާއިންވެސް އެގައުމަކަށް ބަރޯސާވާންޖެހޭ
ގައުމަކަށްވާތީ ތުރުކީއާއި މެދު އެޅޭނެ ފިޔަވަޅެއް ނެތެވެ. މިމީޑިއާ ގްރޫޕް
ސަރުކާރުގެ ބާރުގެ ދަށަށްގެނެސް އެތަނުގައިތިބި ގުލެންގެ ފިކުރުގެ އިސް އެޑިޓަރުން
ވަކިކޮށް އެޑިޓޯރިއަލް ޕޮލިސީއަށް ބަދަލު ގެނައުމުން މިހާރު އެތަންތަނުން ފަތުރަނީ
ބޮޑަށް ސަރުކާރުކޮޅަށް ބުރަވާގޮތަށް ހުންނަ ޚަބަރުތަކެވެ.