ކުޅިވަރު

ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ 1 އަހަރަށް ސަސްޕެންޑްކޮށްފި


ޤައުމީ ބާސްކެޓް މުބާރާތުގެ ފައިނަލް މެޗު ކުޅެން 24 ގަޑިއިރަށްވުރެ ކުޑަތަންވެފައިވަނިކޮށް، ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ އެއް އަހަރަށް ސަސްޕެންޑްކޮށްފިއެވެ. މިއަހަރުގެ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަން ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ އެކަސޯމީ ކްރިސްޓަފަރ ސަސްޕެންޑްކުރިކަން އަންގައި ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ރޭ އެކުލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާ ކުޅިވަރުގެ ރޫޙާއި ޚިލާފް އަމަލުތަކުގެ ސަބަބުން އެސޯސިއޭޝަންގެ މުބާރާތްތަކާއި ހަރަކާތްތަކުން އެއް އަހަރަށް ސަސްޕެންޑްކުރަން ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންކަމަށް ސިޓީގައިވެއެވެ. އަދި އެމައްސަލަ ބަލާފައިވަނީ ކްލަބްތަކުން އެސޯސިއޭޝަނަށް ޝަކުވާ ހުށައެޅުމުންކަމަށްވެސް އެސިޓީގައިބުނެފައިވެއެވެ.ނަމަވެސް ޓީރެކްސްއިން ބުނީ ތަކުރާރުކޮށް ކުޅިވަރުގެ ރޫޙާއި ޚިލާފްވެފައިވާކަމަށް ބުނާއިރު އެކަން ކްލަބަށް އަންގާފައި ނުވާކަމަށާއި، ކުޅުންތެރިރިޔާއާއި ވާހަކަދައްކައި އަދި ބަޔާނެއްވެސް ނަގާފައިނުވާކަމަށެވެ. ޓީރެކްސްއިން ތުހުމަތުކުރާ ގޮތުގައި މިއީ ފައިނަލްގައި ނިކުންނަ ހަރިކޭންގެ ކޯޗާއި ކުޅުންތެރިއަކު އެކްސްކޯގައި ތިބެ ޓީރެކްސް ބަލިކޮށްލުމަށް ނިންމި ނިންމުމެކެވެ. ޓީރެކްސްއާއި ހަރިކޭން ވާދަކުރާ ޤައުމީ ފައިނަލްމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައެވެ. އެމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.