ދުނިޔެ

ލީބިޔާގެ ދާޚިލީ ވަޒީރަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް


ލީބިޔާގެ ވެރިރަށް ތުރާބުލުސްގައި އެޤައުމުގެ ދާޚިލީ ވަޒީރު ފާތީ ބަޝާގާ ދަތުރުކުރައްވަމުންދިޔަ މޮޓޯކޭޑަކަށް އަމާޒުކޮށް ހަމަލާއެއް ދީފިއެވެ. އެނގިފައިވާ ގޮތުގައި ބަޝާގާއާއި ދެކޮޅަށް ދީފައިވާ ހަމަލާ ދީފައިވަނީ ތުރާބުލުސްއާއި 45 ކިލޯމީޓަރު ދުރުގައި އޮންނަ ޒާވިޔާކިޔާ ސިޓީއެއްގެ ބައެކެވެ.

ލީބިޔާގެ ނޭޝަނަލް އޮއިލް ކޯޕޮރޭޝަނަށާއި ދާޚިލީ ވުޒާރާގެ އިދާރާއަކަށް ކުރެއްވި ޒިޔާރަތެއް ނިންމާލެއްވުމަށްފަހު ތުރާބުލުސްގެ ހުޅަނގުގެ ސަރަޙައްދަކުން ވަޒީރު ބަޝާގާ ދަތުރުކުރައްވަމުން ދަނިކޮށް އެމަނިކުފާނުގެ ކާރުކޮޅަށް އަމާޒުކޮށް ބަޔަކުވަނީ ބަޑިޖަހާފައެވެ. ނަމަވެސް އެ ހަމަލާގައި ފާތީ ބަޝާގާއަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ކާރުކޮޅަށް ހަމަލާ ދިނުމާއިއެކު ހަމަލާދިން ފަރާތްތަކާއި ދެކޮޅަށް ބަޝާގާގެ ފާރަވެރިންވަނީ ބަޑިޖަހާފައެވެ. ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު މަރުވެ، އެކަކަށް ޒަހަމްވި އިރު އިތުރު ދެމީހުންވަނީ ހައްޔަރުކޮށްފައެވެ.

ބަޝާގާއަކީ ޖީއެންއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރެކެވެ. ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އަކީ އދ.ގެ އެހީތެރިކަމާއިއެކު އެކުލަވާލާފައިވާ ލީބިޔާގެ އިންތިޤާލީ ސަރުކާރެވެ.

ބަޝާގާވަނީ އައު ސަރުކާރުގެ ބޮޑުވަޒީރުގެ މަޤާމަށް ކުރިމަތިލައްވާ ނާކާމިޔާބުވެ ވަޑައިގެންފައެވެ. ނަމަވެސް ލީބިޔާގެ ބައިބައިވުން ނައްތާލުމުގެ އަޒުމުގައި އެކުލަވާލާފައިވާ އައު ސަރުކާރަށް އެމަނިކުފާނު ތާއީދުކުރައްވާކަމަށް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ބަޝާގާވަނީ ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްސަލަ ހަމައަކަށް އަޅުއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 2011ވަނަ އަހަރުން ފެށިގެން އެފަދަ ޖަމާޢަތްތައް ދަނީ ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ބާރުފޯރުވަމުންނެވެ. އެ ޖަމާޢަތްތަކުންވަނީ ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ފައުޖުތަކުން ތުރާބުލުހަށް ދެމުންދިޔަ ހަމަލާތަކުން އެ ސިޓީ ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.