ކުޅިވަރު

އޮއިޓޭ ވަކިކޮށް، ނޮމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އިތުރުކޮށްފި


އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މުޙައްމަދު ހުސެއިން ވަކިކޮށް، އެކޮމިޓީގެ މެންޑޭޓްގެ މުއްދަތު ފީފާއިން އިތުރުކޮށްދީފިއެވެ. ފީފާގެ އެމަޖެންސީ ކޮމިޓީން އިއްޔެ މަޝްވަރާކޮށް ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓް އިތުރުކޮށްދީފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އޭއެފްސީގެވެސް ލަފާގެ މަތީންނެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ އަޞާޞީ ޤަވާއިދު އިޞްލާހުކޮށް، އާއިންތިޚާބެއް ބާއްވައިދިނުމެވެ. އަޞާޞީ ޤަވާއިދު އިޞްލާހުކޮށްފައިވީނަމަވެސް އޭގައި ޖަމްއިއްޔާތަކާއި ބެހޭ ޤާނޫނާއި ފުށުއަރާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އިންތިޚާބު ފަސްކުރުމަށް ސަރުކާރުން އެދުނު އެދުމަށް އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި އެފްއޭއެމްއާއި ޖަމްއިއްޔާތަކާއި ބެހޭ ރެޖިސްޓްރަރ ގެންދަވަނީ މަޝްވަރާކޮށް ހައްލެއް ހޯދަމުންނެވެ. އެފްއޭއެމްގެ އިންތިޚާބު މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީން ވަނީ މަސައްކަތްކޮށްފައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ މުޙައްމަދު ހުސެއިން ( އޮއިއްޓޭ ) ގެ ބަދަލުގައި އެކޮމިޓީއަށް މިހާރު ހަމަޖައްސަވާފައިވަނީ ޤައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބެވެ. ޝަކީބަކީ މިހާރު އެކޮމިޓީގެ ޑެޕިއުޓީ ޗެއަރމަންއެވެ. ކޮމިޓީގެ ޗެއަރމަންއަކީ ކުރިއަށް އޮތް ދައުރަށްވެސް މަޤާމަށް ކުރިމަތިލައްވާފައިވާ މުޙައްމަދު ޝަވީދެވެ. އޭގެއިތުރުން ކޮމިޓީގައި ތިއްބަވަނީ ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަލީ އުމަރާއި، މެޗުކޮމިޝަނަރ އަބުދުލްހަމީދު އަބުދުލްޣަފޫރާއި، ވަކީލް ފަސީހު ޒާހިރެވެ.