ޚަބަރު

ވޯޓް ކަރުދާސް ޗާޕުކުރުމަށްް މާދަމާ ހަވާލުކުރަނީ


އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހުއެވެ.

ކައުންސިލް އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓް ކަރުދާސް ޗާފުކުރާނެ ފަރާތެއް އެ ކޮމިޝަނުން ކަނޑައަޅާ ފައިވާކަމަށެވެ. އެ ބަޔަކީ ކުރިން ތާވަލުކުރެވުނު އިންތިޚާބުގައިވެސް ވޯޓް ކަރުދާސްތައް ޗާފުކުރަން ކަނޑައެޅި ފަރާތްކަން ޝަރީފު ފާހަގަކުރެއްވިއެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމަށް މާދަމާ ހަވާލުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމްލައަކީ 2،72،480 ( ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ ) އެވެ. ޤާނޫނު ބުނާ ގޮތުން ވޯޓް ކަރުދާސް ޗާޕުކުރަން ޖެހޭނީ މި އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.

މި ފަހަރުގެ އިންތިޚާބުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 51،449 އެކެވެ. އައްޑޫ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 25،055 މީހުންނަށެވެ. ފުވައްމުލަކު ސިޓީގެ ވޯޓާސް ލިސްޓުގައި 9177 މީހުން ހިމެނޭއިރު ކުޅުދުށްފުށީ ސިޓީގެ އަދަދަކީ 6825 މީހުންނެވެ. މީގެއިތުރުން ދެން ހުރި ހުރިހާ އތޮޅުތަކާއި ރަށްތަކުގެ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދަކީ 1،79،924 ( އެއްލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ސައްވިސް ) އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާ ގޮތުން އެންމެ ވޯޓް ފޮއްޓެއް ހުންނަ ކޮންމެ މަރުކަޒެއްގައި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 9 އޮފިޝަލުން ހަރަކާތްތެރިވާންޖެހޭނެ ކަމަށެވެ. އަދި 2 ފޮށި ހުންނަ ކޮންމެ މަރުކަޒެއްގެގައި 14 އޮފިޝަލުން ތިބެންޖެހޭކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. މި އަދަދުތަކާއި އެކު މިފަހަރުގެ އިންތިޙާބުގައި ވޯޓްލާ މަރުކަޒުތަކާއި ހަރަކާތްތެރިވުމާއި އެހެނިހެން ކަންކަމަށް ޖުމްލަ 8000 އޮފިޝަލުން ބޭނުންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިޙާބުގައި ކައުންސިލް ތަކަށް ވޯޓްލާ މީހުންގެ ވޯޓް ފޮއްޓެއް ގުނަން ގާތްގަޑަކަށް 2 ގަޑިއިރާއި 47 މިނެޓް ހޭދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން މިހާރު ވަނީ ހޮވިފައެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައެވެ.

އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު އޮންނަ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކުގެ ގޮނޑިތަކަށް ޖުމްލަ 2264 ކެނޑިޑޭޓުން ވާދަކުރާނެއެވެ.