ދުނިޔެ

ފިނީގެ ތޫފާނުގެ ސަބަބުން ޓެކްސަސްގައި ކާރިޘާގެ ޙާލަތު އިޢުލާނުކޮށްފި


ފިނީގެ ތޫފާނެއްގެ ސަބަބުން އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ކުރިމަތިވެފައިވާ ޙާލަތާއި ގުޅިގެން އެ ސްޓޭޓުގައި ކާރިޘާގެ ޙާލަތު އިޢުލާނުކޮށްފިއެވެ.

ރިޔާސީ އިދާރާ ވައިޓު ހައުސުން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސަސްގައި ބޮޑު ކާރިޘާއެއް ހިނގާފައިވާކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މި ޙާލަތުގައި އެ ސްޓޭޓަށް މައި ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަމާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙުއްދަ ބައިޑަން ދެއްވާފައިވާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

މަރުކަޒީ ސަރުކާރުން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގެއްލުން ލިބިފައިވާ ގެދޮރު މަރާމާތުކުރުމާއި، އިންޝުއާ ކޮށްފައިނުވާ ގެދޮރަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް ލުއި ލޯނުތައް ދޫކުރުމާއި، ގެއްލުން ލިބިފައިވާ އާންމުންނާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ޙަރަކާތްތައް ހިންގުން ހިމެނޭކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ފިނިމޫސުމުގައި އާންމުކޮށް ފިނިނުވާ މިންވަރަށް އެމެރިކާގެ ސްޓޭޓުތަކަށް މި އަހަރުދަނީ ފިނިވަމުންނެވެ. އެގޮތުން ޓެކްސަސް ސްޓޭޓުގެ ފިނިހޫނުމިންވަނީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށްވެފައެވެ. އެ ސްޓޭޓުގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން ހުރީ 0 ފެރެންހެއިޓު ނުވަތަ މައިނަސް 18 ޑިގްރީ ސެލްސިއަސްގައެވެ. ޓެކްސަސް ސްޓޭޓުގެ ކަރަންޓުގެ ޚިދުމަތްދޭ ގުރިޑުތަކަށް ބާރުބޮޑުވެ އެތައް މިލިއަން ގެއަކަށް ދެމުންދިޔަ ކަރަންޓާއި ފެނުގެ ޚިދުމަތްތަކަށްވަނީ ބުރޫ އަރާފައެވެ. ފިނީގެ ތޫފާނާއި ގުޅުން ހުރި ހާދިޘާތަކުގައި 20އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މަރުވެފައެވެ.

ޓެކްސަސްގެ ޙާލަތު ބައްލަވައިލެއްވުމަށް އެ ސްޓޭޓަށް ދަތުރެއް ކުރެއްވުމާއިމެދު ވިސްނަވަމުންދާކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ދަތުރެއް ކުރައްވާނީ ޓެކްސަސްގެ އިދާރާތަކަށް އެމަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ބުރަ ބޮޑު ނުވާނަމަކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ގިނަ ޢަދަދެއްގެ ގޭގެއަށް މިހާރުވަނީ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައެވެ. ނަމަވެސް ކަރަންޓުގެ ޚިދުމަތް ނުލިބި އަދިވެސް 78،000އަށްވުރެ ގިނަ ގޭބިސީ ހުރިކަމަށް ނުރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ. ކަރަންޓުގެ މައްސަލަތައް ހައްލުވަމުންދާ ނަމަވެސް ގޭގެއަށް އަޅާފައިވާ ހޮޅި ލައިނުތައް ފިނީގެ ސަބަބުން، ފަޅައިގެން ދިޔުމުން މިހާރު އެ ސްޓޭޓަށް ކުރިމަތިލަމުންދަނީ ފެނުގެ ކާރިޘާއެކެވެ. އެގޮތުން ޓެކްސަސްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޭބިސީއަށް ފެނުގެ ޚިދުމަތް ކެނޑިފައިވާކަމަށް ބައެއް ނޫސް އިދާރާތަކުންވަނީ ރިޕޯޓުކޮށްފައެވެ.

ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ އެ ސްޓޭޓުގެ ސަރުކާރުން އެންމެ އިސްކަމެއް ދެމުންދަނީ ބާކީ ހުރި ގެތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެއަށްފަހު ދެން އެންމެ މުހިންމުކަމެއް ދޭނީ ސާފު ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް އަލުން ދިނުމަށްކަމަށެވެ. ފެން ތަހުލީލުކުރާ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ތިން ލެބެއް ޓެކްސަސްގައި މިހާރު ޤާއިމްކޮށްފައިވާކަމަށާއި، ގެއްލުން ލިބިފައިވާ ހޮޅިތައް މަރާމާތުކުރުމާއި ކަމާއިބެހޭ އިދާރާތަކުން މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޓެކްސަސްގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ފޮރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެބޮޓް ވިދާޅުވިއެވެ.