ދުނިޔެ

މިޔަންމާގައި މުޒާހަރާތަކުގައި އަނެއްކާވެސް އިތުރު ދެ މަރު


މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގައި އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

މިދިޔަ ނޮވްމެބަރު މަހުގެ ތެރޭގައި ބޭއްވި މިޔަންމާގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެއްވި މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫކީ އާއި އޭނާގެ ސަރުކާރާއި ދެކޮޅަށް އެ ޤައުމުގެ ސިފައިން ބަޣާވާތްކޮށް، ސޫކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސް ގިނަ އޮފިޝަލުންތަކެއް ހައްޔަރުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިން ވަނީ އެ ޤައުމުގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.

އަސްކަރިއްޔާއިން ކުރި ބަޣާވާތާއި ގުޅިގެން ސޫކީ ދޫކޮށްލުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ ޤައުމުގައި މުޒާހަރާތައް ކުރަމުންދާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

މިޔަންމާގެ މަންޑަލޭ ސިޓީގައި ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވެ، އާންމުން ވަނީ ފުލުހުންނާއި ދިމާލަށް އެއްޗެހި އުކާފައެވެ. ފުލުހުންނާއި އަސްކަރިއްޔާއިންވަނީ މުޒާހަރާތައް ރޫޅާލުމަށް ކަރުނަގޭސް ބޭނުންކޮށް ބަޑިޖަހާފައެވެ. ބޭނުންކޮށްފައިވާ ރަބަރު ވަޒަނާއި ލައިވް ވަޒަނުގެ ކާޓުރިޖުތައް މުޒާހަރާކުރި ސަރަޙައްދުންވަނީ ފެނިފައެވެ.

އާންމުންނާއި ފުލުހުންނާއި ދެމެދު ހިންގި ކުރިމަތިލުންތަކުގައި ވިހި މީހުން ޒަހަމްވެ ދެ މީހަކުވަނީ މަރުވެފައެވެ. އެކަކު މަރުވީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. ދެވަނަ މީހާ މަރުވީ އޭނާގެ މެއަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މަރުވި މީހުންނާއި ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހަފުތާގައި މިޔަންމާގެ ވެރިކަންކުރާ ސިޓީ، ނޭޕީތައުގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ޒުވާން އަންހެނަކުވެސްވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ބޮލަށް ވަޒަނެއް އަރައިގެން މަރުވެފައެވެ. މުޒާހަރާތައް ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހަކަށް ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވެފައިވާކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.

މިޔަންމާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ މުޒާހަރާގެ ބައިވެރިންތަކެއް މަރުވެފައިވާތީ އެކަމާއިމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެމްބަސީން ފޭސްބުކުގައި ޝާޢިއުކުރި ބަޔާނެއްގައި ބުނީ ޚިޔާލު ފައުޅުކުރުމުގެ ހައްޤު ޢަދާކުރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިގެން ނުވާނެކަމަށެވެ.