ކުޅިވަރު

ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އެއިންޓްރެކްޓް ފްރޭންކްފަރޓް އަތުން ބަލިވެއްޖެ


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އެއިންޓްރެކްޓް ފްރޭންކްފަރޓް އަތުން ބަލިވެއްޖެއެވެ. މިމެޗް ފްރޭންކްފަރޓް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ފްރޭންކްފަރޓްގެ ޑައިޗީ ކަމާޑާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީ އަމިން ޔޫނުސްއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ފްރޭންކްފަރޓް ދެ ގޯލްގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ލިރޯއި ސާނޭ ނަގާދިން ހުރަހަކުން ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މިފަހަރު ބުންޑަސްލީގާގައި އޭނާ ކާމިޔާބުކުރި 26 ވަނަ ލަނޑެވެ. ނަމަވެސް މިމެޗްގައި ބަޔާންއަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަޔާން މޮޅުވެފައެއް ނުވެއެވެ. މިގޮތުން މިދިޔަ ހަފްތާގައި ކުޅުނު މެޗް ނިމުނީ އެއްވަރު ވެގެންނެވެ. އެއާ ހިލާފަށް މިއީ ފްރޭންކްފަރޓް އެންމެ ފަހުން ކުޅުނު 10 މެޗްގެ ތެރެއިން މޮޅުވި ނުވަވަނަ މެޗެވެ. އަދި މިކާމިޔާބީއާއެކު އެޓީމް އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ ހަތަރުވަނައިގައެވެ. އެއީ ތިންވަނައިގައި އުޅޭ ވުލްފްސްބަރގާއި އެއްވަރަށް ޕޮއިންޓް ލިބިފައިވީނަމަވެސް ފައިދާ ގޯލަށް ބަލާއިރު އެންމެ ގޯލެއްގެ ތަފާތުންނެވެ.

މި ނާކާމިޔާބީގެ ސަބަބުން ޕޮއިންޓް ތާވަލްގައި ބަޔާންއަށް ލިބިފައިވި ލީޑު އަށް ޕޮއިންޓަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އަދި ދެވަނައިގައި އުޅޭ އާރްބީ ލިޕްޒިގް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެޓީމްގެ ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. ބަޔާންއަށް މިހާރު ލިބިފައިވަނީ ކުޅުނު 22 މެޗުން 49 ޕޮއިންޓެވެ.