ކުޅިވަރު

ފީފާ ވޯލްޑް ކަޕާއި 2023ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތައް ފަސްކޮށްފި


ފީފާ ވޯލްޑް ކަޕާއި 2023ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަށް އަނެއްކާވެސް އޭއެފްސީއިން ފަސްކޮށްފިއެވެ.

އޭއެފްސީއިން ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ ހަތަރު މެޗެއް ފިޔަވައި އެހެން ހުރިހާ މެޗެއް ޖޫން މަހަށް ފަސްކޮށްފައިވާކަމަށެވެ. މިގޮތުން އަންނަ މަހު ކުޅެން ތާވަލްކޮށްފައިވާ ހަތަރު މެޗަކީ ނޭޕާލާއި އޮސްޓްރޭލިއާ ކުޅޭ މެޗާއި ސައުދި އަރަބިއްޔާ އާއި ޔަމަން މެޗާއި ތަޒަކިސްތާނާއި މޮންގޯލިއާ މެޗުގެ އިތުރުން މޮންގޯލި އާއި ޖަޕާން ކުޅޭ މެޗެވެ. ކޮވިޑް19 ގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރު ކުރުމުގައި އުދަގޫތައް ހުރުމާއި ގުޅިގެން އޭއެފްސީއިން މިހާރުވަނީ ސެންޓްރަލައިޒްކޮށް މެޗްތައް ކުޅުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި މެޗްތައް ކުޅުމަށް ބޭނުންވާ ގައުމުތަކުން ބިޑްކުރުމަށް މިހާރު އޭއެފްސީއިންވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ 25ވަނަ ދުވަހު ޗައިނާ އާއި ދެކޮޅަށް ޗައިނާގައި ދިވެހިރާއްޖެ ކުޅެން އޮތް މެޗާއި މިއަންނަ މަހުގެ 30ވަނަ ދުވަހު މާލޭގައި ސީރިއާއާއި ދެކޮޅަށް ގައުމީ ޓީމް ކުޅެން އޮތް މެޗު މިހާރުވަނީ ޖޫންމަހަށް ފަސްކޮށްފައެވެ.

މިދިޔަ އަހަރު މާޗް މަހު 26 ވަނަ ދުވަހާއި 31 ވަނަ ދުވަހު ކުޅެން އޮތް މެޗުތައް ފުރަތަމަ އޭއެފްސީއިން ފަސްކުރުމަށްފަހު އަލުން މެޗުތައް ކުޅެން ތާވަލުކުރީ މިދިޔަ އޮކްޓޫބަރާއި ނޮވެމްބަރު މަހުގައެވެ. ކޮވިޑް19ގެ ހާލަތުން އަރައިގަންނަން ގައުމުތަކުން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބި އޭރު ވެސް މެޗުތައް ބޭއްވޭނެ ގޮތް ނުވުމުން ދެ ވަނަ ފަހަރަށް އޭއެފްސީއިން މެޗްތައް ފަސްކުރިއެވެ. އަދި ތިންވަނަ ފަހަރަށް މެޗްތައް މިހާރު ފަސް މިކުރީ ޖޫން މަހަށެވެ. ރާއްޖެ ހިމެނޭ ގުރޫފް އޭގެ މެޗްތައް ސެންޓްރަލައިޒްކޮށް ޗައިނާގައި ބޭއްވުމަށް ނިންމާފައިވާކަމަށް ޗައިނާގެ މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް އެފްއޭއެމްއިންބުނީ ރަސްމީކޮށް އޭއެފްސީ އެކަން އަންގާފައިނުވާކަމަށެވެ. ރާއްޖެ ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ 5 މެޗުން 15 ޕޮއިންޓް ހޯދައިގެން ސީރިއާއެވެ. ޗައިނާއަށް 4 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ގުރޫޕްގެ 3 ވަނައިގައި އޮތީ 5 މެޗުން 7 ޕޮއިންޓާއެކު ފިލިޕީންސް އަދި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިހާރުވަނީ ދިވެހި ޕްރިމިއަރ ލީގް ހުއްޓާލާފައެވެ. އަދި ޓީމުތަކުގެ ފަރިތަކުރުންތައްވެސް ވަނީ މާނާކޮށްފައެވެ. މިހާރު ފުރަތަމަ ޑިވިޝަންގެ ޓީމްތަކުންދަނީ ކޮވިޑް ވެކްސިން ޖަހަމުންނެވެ.