ކުޅިވަރު

އެމްބީބީއޭގެ ފަރާތުން މިއަހަރު 5 މުބާރާތެއް ބާއްވަނީ


އެމްބީބީއޭގެ ފަރާތުން މިއަހަރު 5 މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންއިން ބުނެފިއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ސަބަބުން އެމްބީބީއޭއިންވެސްވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން އިންތިޒާމުކުރި ގިނަ މުބާރާތްތަކެއް ކެންސަލްކޮށްފައެވެ. އަދި ބައެއް މުބާރާތްތައް ފަސް ކުރުމަށްފަހުވެސް ކުރިއަށް ނުގެންދެވިގެން ކެންސަލްކޮށްފައިވެއެވެ. އަދި މިއަހަރުވެސް މާލޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެން އެއްވެސް މުބާރާތެއް ބޭއްވުމުގެ ހުއްދަ ލިބިފައިނުވެއެވެ. ނަމަވެސް ވަކިވަކިން ރާޅާއެޅުން މާނާކޮށްފައެއްނުވެއެވެ.

މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ވިދާޅުވީ އެމްބީބީއޭގެ ފަރާތުން މިއަހަރު ފަސް މުބާރާތެއް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތްތަކުގެ އިތުރުން ރާޅާއެޅުމުގެ ފެސްޓިވަލެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. ޔޫތް ޑިވެލޮޕްމަންޓް ކޯސްތައް ދެ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ޖަޖިން ކޯސްތަކެއްވެސް މިއަހަރުގައި ކުރިއަށް ގެންދިއުމަށް ކަލަންޑަރުގައި ތާވަލްކޮށްފައިވާނެކަމަށް އެމްބީބީއޭގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް އަންހެން ރާޅާއެޅުންތެރިންނަށް ހާއްސަކޮށްގެން މުބާރާތެއް ކުރިއަށް ގެންދެވިފައިނުވާއިރު، ރާއްޖޭގައި އަންހެން ރާޅާއެޅުންތެރިންނަކީ ވަރަށް މަދުބައެކެވެ. މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު ވިދާޅުވީ އަންހެން ކުދިންގެ މެދުގައި މިކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމަށް މިއަހަރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.