ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން މެޑްވެޑޭވް ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ރަޝިޔާގެ ޑާނިލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ފައިނަލުން މެޑްވެޑޭވް ޖާގަހޯދީ ސެމީ ފައިނަލްގައި މުބާރާތުގައި ފަސްވަނައަށް ސީޑް ކުރެވިފައިވަ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ މެޑްވެޑޭވް މިމެޗް ކާމިޔާބުކުރީ ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ދެއެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗްގައި ސިޓްސިޕާސްއަށް މާ ރަނގަޅަށް ކުޅެވުނު ތަނެއް ނުފެނުނެވެ. އަދި މުޅިމެޗްގައި ވެސް ފެނުނީ ހާސްކޮށެވެ. މިއީ މެޑްވެޑޭވް ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލްގައި ވާދަކުރާނެ ދެވަނަ ފަހަރެވެ. އަދި އޭނާ ފައިނަލްގައި ނިކުންނާނީ ދުނިޔޭގެ އެއްވަނަ ފިރިހެއް ޓެނިސް ކުޅުންތެރިޔާ އަދި އޮސްޓްރޭލިއަން ޓެނިސް މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗާއި ދެކޮޅަށެވެ. 2019 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލްގައި ރަފައެލް ނަދާލްއާއި ބައްދަލުކުރިމެޗުން މެޑްވެޑޭވް ވަނީ ބަލިވެފައެވެ. އެހެންކަމުން ގްރޭން ސްލޭމް މުބާރާތުގެ ތަށްޓެއް އަލަށް ހޯދުމަށް މެޑްވެޑޭވް ނިކުންނައިރު ޖޯކޮވިޗް ފައިނަލްގައި ވާދަކުރަނީ މި މުބާރާތުގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެޑްވެޑޭވް ހާމަކުރިގޮތުގައި ފައިނަލްގައި އޭނާއަކަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ހުރިހާވެސް ޕްރެޝަރެއް އޮންނާނީ ޖޯކޮވިޗަށް ކަމަށެވެ. އެއީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ އޭނާ ކަމަށް ވާތީއެވެ. އަދި ފައިނަލްގައި ނިކުމެ އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެކަމަށް އުންމީދު ކުރާކަމަށްވެސް މެޑްވެޑޭވް ހާމަކުރިއެވެ. މިމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ މެޑްވެޑޭވް ވެގެންދާނީ 2005 ވަނަ އަހަރަށްފަހު އަހަރުތެރޭގައި އޮންނަ އެންމެ ބޮޑު ހަތަރު ޓެނިސް މުބާރާތުގެ ތެރެއިން މުބާރާތެއް ކާމިޔާބުކުރާ ރަޝިޔާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މެޑްވެޑޭވް ވެފައިވަނީ ގަދަ ދިހައެއްގައި ހިމެނޭ ކުޅުންތެރިންނަށް ކުޅެން ވަރަށް އުނދަގޫ ކުޅުންތެރިޔަކަށެވެ. މިގޮތުން އޭނާ އެންމެފަހުން ގަދަ ދިހައެއްގައި ހިމެނޭ ކުޅުންތެރިންނާއި އެކު ކުޅުނު 12 މެޗުންވެސްވަނީ މޮޅުވެފައެވެ. އަދި ޖޯކޮވިޗް އާއި އެންމެ ފަހުން ބައްދަލުކުރި ހަތަރު ފަހަރުގެ ތެރެއިން ތިންފަހަރު މެޗް ކާމިޔާބުކޮށްފައިވަނީވެސް މެޑްވެޑޭވްއެވެ. އެހެން ކަމުން މިފަަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެނުންގެ ސިންގަލްސް ފައިނަލްގައި ފޯރިގަދަ ކުރިމަތި ލުމެއް މިދެ ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.