ކުޅިވަރު

ބިއެލްފެލްޑް ބަލިކޮށް ތާވަލްގެ ތިންވަނައަށް ވުލްފްސްބަރގް އަރައިފި


ޖަރުމަނު ބުންޑަސްލީގާގައި ވުލްފްސްބަރގް އާއި އާމީނިއާ ބިއެލްފެލްޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ވުލްފްސްބަރގް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ. މިމެޗް ވުލްފްސްބަރގް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހައިދިނީ ވުލްފްސްބަރގްގެ ރެނާޓޯ ސްޓެފެންއެވެ. އަދި ދެވަނަ ހާފް ފެށިތާ ދެވަނަ މިނެޓްގައި ސްޓެފެންވަނީ އިތުރު ލަނޑެއް ޖަހާ މިމެޗްގައި ވުލްފްސްބަރގަށް ދެ ގޯލްގެ ލީޑެއް ނަގައިދީފައެވެ. މިއީ ސްޓެފެން މިފަހަރުގެ ބުންޑަސްލީގާގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މިމެޗްގައި ވުލްފްސްބަރގްގެ ފަހު ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ މެކްސިމިލިއަން އާރނޯލްޑްއެވެ. މިމެޗްގައި ބިއެފެލްޑަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ވުލްފްސްބަރގަށް މިހާރުވަނީ ކުޅުނު 22 މެޗުން 42 ޕޮއިންޓް ލިބިފައެވެ. އަދި އެޓީމް ވަނީ ދެވަނައިގައި އުޅޭ އާރްބީ ލިޕްޒިގް އާއި ދެޕޮއިންޓަށް ގާތްކޮށްފައެވެ. މިމެޗުން ބަލިވުމުން ބިއެލްފެލްޑް އުޅެނީ 21 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.