ފުވައްމުލަކު ސިޓީގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރުކުރަން ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީގައި ކޯވިޑް ފެތުރުން އިތުރުވަމުންދިއުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އެ ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މުއްދަތު މިއަދަށް ހަމަވާއިރު، ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ފުވައްމުލަކު ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި އެސިޓީގައި ރޭގަނޑު 8 ފެށިގެން ފަތިހު 4 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުތުމާއި ޢާއްމު ތަންތަނަށް އެއްވުން ވަނީ މަނާކޮށްފައެވެ. އަދި އެސިޓީގެ ޒަރޫރީ ބޭނުމެއްނެތި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗަށް ނުކުތުމާއި ޢާއްމުތަންނުގައި އެއްވެ އުޅުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.
✳️ 12 ފެބުރުވަރީ 2021 ގައި އަންގާފައިވާ ނަންބަރު
— Health Protection Agency (@HPA_MV) February 19, 2021
6/2021 އެންގުމުގެ ދަށުން ކޯވިޑް-19 އިން ރައްކައުތެރިވުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރުކުރަން ނިންމުން (އިޢުލާން ނަންބަރު:
(IUL)23-L/GNAH/2021/1
ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް:
- ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
- ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން
- ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ ޢާއްމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް ޢަމަލުކުރުން
- ކޮލެޖް ޔުނިވަރސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން
- ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ޚިދުމަތް ހުއްޓާލުން ( އެހެންނަމަވެސް ރައްކާތެރިކަމުގެ
ފިޔަވަޅުތަކާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ )
ކޯވިޑް-19ގެ ކޭސްތައް ދެކުނުގެ ބޮޑު ދެ ސިޓީގައި ފެންނަމުން އަންނަ ނިސްބަތް އިތުރުވެފައިވާއިރު އައްޑޫ ސިޓީގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.