ޚަބަރު

މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް އެމްއީސީސީން ޚާއްސަ ހަރަކާތްތަކެއް


ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ދަރިވަރުން ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އިއްޔެ އެމްއީސީސީގައި ވަނީ އޮންލައިންކޮށް ޚާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

މި ދުވަހަށް ތައްޔާރުވުމަށް ހަތް ދުވަހުގެ މުއްދަތެއް ދަރިވަރުންނަށް ދިނުމަށްފަހު ކުރިޔަށް ގެންދިޔަ ޙަރަކާތުގައި ދަރިވަރުން ވަނީ އައްޑޫ ބަހާއި، ފުވައްމުލަކު ބަހާއި، ހުވަދޫ ބަހުން ބައެއް ތަކެއްޗަށް ކިޔާ ނަންތައް ބޭނުން ކުރުމާއި، އެ ތިން ބަހުރުވައިން ޕެރެގްރާފް ލިޔުން ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ރައިވަރާއި ބަނދި ފަދަ ތަކެތި ހުށަހަޅައި ދިނުންވެސް ކުރިއަށްދިޔައެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އެމްއީސީސީން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވި ހުރިހާ ދަރިވަރުންނާ މުދައްރިސުންވެސް ތިބީ ދިވެހި ހެދުމުގައިކަމަށް އެމްއީސީސީން ބުުނެއެވެ. އަދި މިހަރަކާތުގެ ތެރެއިން ހުރިހާ މުދައްރިސުން ދަރިވަރުންނާ ވާހަކަ ދައްކަވާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ދައްކައިއުޅޭ ތަފާތު ބަހުރުވަތަކުންނެވެ.

ސޯސަންވިލާގައި ހިންގާ އެމްއީސީސީއަކީ ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ކިޔަވައި ކުދިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައިދެމުން އަންނަ ތަނެކެވެ.