ޚަބަރު

އިންޑިއާއާއި ރާއްޖެއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޚަރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މާދަމާގެ ވަގުތެއްގައެވެ. މިއީ މި އަހަރުގެ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތްކަމަށާއި، ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ބައިލެޓަރަލް ގުޅުމުގެ މިސްރާބު ކަނޑައެޅިގެންދާނީ މިދަތުރުގެ ތެރެއިންކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ބައެއް އެހީތަކަށް އަލިއަޅުވާލާ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، 13 އޮގަސްޓް 2020 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވެވި ޑިޖިޓަލް ވިޑިއޯ ކޮންފަރެންސް (ޑީ.ވީ.ސީ) ބޭއްވުނުތާ 6 މަސް ދުވަހުގެ ތެރޭގައި، އެ ބައްދަލުވުމުގައި އިއުލާނުކުރެވުނު އެންމެހާ ކަންތައް ތަންފީޒްކުރެވިފައިވާކަމަށެވެ. އެ ބައްދަލުވުން ބޭއްވިތާ މާގިނަދުވަސްތަކެއް ނުވަނީސް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިވެހިރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީފޯރުކޮށްދީފައިވާކަމަށާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.ސީ.އެމް.ޕީ) ފައިނޭންސް ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވިފައިވާކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު 'ޑައިރެކްޓް ކާގޯ ފެރީ ސާވިސް' ސެޕްޓެމްބަރ 2020 ގައި ގާއިމް ކުރެވި، މިހާތަނަށް 7 ދަތުރު ފުރިހަމަކޮށްފައިވާކަމަށާއި، އޮގަސްޓް 2020 ގައި ދެގައުމުގެ މެދުގައި ގާއިމްކުރެވުނު އެއާ ޓްރެވަލް ބަބަލްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 2020 ވަނަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ މަގާމު އިންޑިއާއަށް ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާވެގެންދިއުމަށް މަގުފަހިވެފައިވާކަމަށްވެސް ހައިކޮޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯކްޓް ކުރާ ޒަރޫރީ ކޮމޯޑިޓީތަކުގެ ކޯޓާ 15% އިތުރުކޮށްފައިވާކަމަށްވެސް ހައިކޮމިޝަނުން ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި، ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ ދަތުރުފުޅުގެ ތެރޭގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި މަސްވެރިކަމާއި، ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ހައުސިން، މަގުތައް ތަރައްގީކުރުން އަދި ކުޅިވަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް މިނިސްޓަރ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް އިންޑިއާއިން ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ކޯވިޑް ވެކްސިންގެ 100،000 ޑޯޒް ވަނީ ހަދިޔާކޮށްފައެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައި މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ.