ކުޅިވަރު

ވުލްފްސްބަރގަރ ބަލިކޮށް ގަދަ 16 އާއި ގާތަށް ޓޮޓްނަމް ޖެހިލައިފި


ޔުއޭފާ ޔޫރޮޕާ ލީގުގެ ގަދަ 16 އިން ޖާގައެއް ހޯދުމާއި ދާދި ގާތަށް ޓޮޓްނަމް ހޮޓްސްޕަރ ޖެހިލައިފިއެވެ. ލީގުގެ ދެވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އެންމެ ފަހުން ނުކުތީ އޮސްޓްރިއާގެ ވުލްފްސްބަރގަރ ދެކޮޅަށެވެ. މި މެޗް މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އޮސްޓްރިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ކުޅުނު މިމެޗްގައި ޓޮޓްނަމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެެވެ. މިގޮތުން މިމެޗްގެ ފުރަތަމަަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ގެރެތު ބެއިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ސޮން ހެއުންގ މިންއެވެ. މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ސޮން ޖެހި 20 ވަނަ ލަނޑެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާދިނީ ބެއިލްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓްނަމްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ލޫކަސް މޮއުރާ އެވެ.

މިމެޗްގައި ވުލްފްސްބަރގަރ އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މައިކަލް ލިއެންޑްލްއެވެ. މިލަނޑާއެކު އެޓީމަށް ކުޑަވަރެއްގެ އުންމީދެއް ލިބުނު ނަމަވެސް ކާލޯސް ވިނީޝިއަސްވަނީ މެޗްގެ 88 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އަލުން ޓޮޓްނަމްއަށް ތިން ގޯލްގެ ލީޑެއް ނަގާދީފައެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ފަހު 16 އިން ޖާގަލިބޭނެކަން ގާތްގަޑަކަށް ޓޮޓްނަމްއަށް ކަށާވަރުވެފައިވާއިރު ޓޮޓްނަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނީ މިހާރު އެޓީމްގެ އެއްފައި އޮތީ ދެން އޮތް ބުރުގައި ކަމަށެވެ. އަދި މިއީ ރަނގަޅު ކާމިޔާބީއެއް ކަމުގައި އޭނާ ބުނިއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް މިއަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވަނީ ޓޮޓްނަމްގެ ދަނޑުގައެވެ.