ކުޅިވަރު

ރެއާލް ސޮސިއެޑާޑް މައްޗަށް މެންޗެސްޓަރއިން ފަސޭހަ މޮޅެއް


ޔުއޭފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗް މެންޗެސްޓަރ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. މިމެޗް މެންޗެސްޓަރ ކާމިޔާބުކުރީ 4 ލަނޑު ސުން ލަނޑުންނެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ސްޕެއިންއިން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން އިޓަލީވިލާތުގެ ޓޫރިންގައި ކުުޅުނު މިމެޗްގައި މެންޗެސްޓަރއިން މޮޅަށް ކުޅުނު އިރު ސޮސިއެޑާޑްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެންޗެސްޓަރގެ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީވެސް ފެނާންޑޭޒްއެވެ. މިމެޗްގައި އެޓީމްގެ ތިންވަނަ ލަނޑު 64 ވަނަ މިނެޓްގައި މާކަސް ރަޝްފަޑް ކާމިޔާބުކޮށްދިންއިރު މެޗްގެ އެންމެ ފަހު ވަގުތު ފަހު ލަނޑު ޖަހާދިނީ ޑެނިއަލް ޖޭމްސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު މެންޗެސްޓަރގެ ރަޝްފަޑް އާއި ޖޭމްސްއަށް ލިބި ބޭކާރުވިއެެވެ.

މިމެޗްގައި ސޮސިއެޑާޑްއަށް މެންޗެސްޓަރގެ ގޯލަށް މާބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެެވެ. އަދި މިސީޒަންގައި ވާދަވެރި މެންޗެސްޓަރ ސިޓީން ސޮސިއެޑާޑްއަށް ބަދަލުވި ޑޭވިޑް ސިލްވަރއަށް އޭނާގެ މޮޅު ކުޅުން މިމެޗްގައި ދައްކާލެވޭ ގޮތެއް ނުވިއެެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓަރގެ ކޯޗް އޮލޭ ގުނަރ ސޯލްޝާ ބުނީ އޭނާގެ ޓީމުން މިފަހަރުގެ ޔޫރޮޕާ ލީގާއި ކުރިމަތިލީ މިދިޔަ ސީޒަންގައި އެ މުބާރާތުގައި ހެދުނު ގޯސްތަށް ރަނގަޅުކޮށް މި މުބާރާތް ކާމިޔާބު ކުރުމުގެ މަޤްސަދުގައި ކަމަށެވެ. މިދިޔަ ސީޒަންގެ ސެމީފައިނަލްގައި ސެވިއްޔާ އާއި ކުޅެ ބަލިވި ބަލިވުމުގެ ހަނދާންތައް އަދިވެސް ތާޒާކޮށް އެބަހުރި ކަމަށާއި އަދި އެކަމުގެ ސަބަބުން ޓީމަށް އަސަރު ކުރި ކަމަށްވެސް ކޯޗް އޮލޭ ފާހަގަކުރިއެވެ. ހެދޭ ގޯސްތަކުން އެއްޗެއް އެނގޭނީ އެކަން އިސްލާހް ކުރުމުން ކަމަށާއި އެހެން ކަމުން މިފަހަރު ސެމީ ފަހަނަ އަޅާ ދިއުމަށް އޭނާގެ ކުޅުންތެރިން މަސައްކަތް ކުރާނެކަމަށްވެސް ކޯޗް އޮލޭ ގުނަރ ބުނިއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް މިއަންނަ ހަފްތާގައި އޮންނާނީ މެންޗެސްޓަރގެ ދަނޑުގައެވެ.