ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ފައިނަލަށް ނައޯމީ އާއި ޖެނިފަރ


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ޖަޕާންގެ ނައޯމީ އޮސާކާ އާއި އެމެރިކާގެ ޖެނިޕަރ ބްރެޑީ ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ނައޯމީ ޖާގަ ހޯދީ ސެމީފައިނަލްގައި ސެރީނާ ވިލިއަމްސް އާއި ބައްދަލުކުރިި މެޗް ކާމިޔާބުކޮށްގެންނެވެ.

ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނައޯމީ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. ސެރީނާއަށް މިމުބާރާތުގައި ދައްކަމުންދިޔަ މޮޅު ކުޅުން މިމެޗްގައި އޭނާއަށް ދެއްކޭ ގޮތެއް ނުވިއެެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނައޯމީ ބުނީ މެޗް ފެށިއިރު އޭނާ ހުރީ ވަރަށް ހާސްވެ އަދި ކޮންމެވެސް ވަރަކަށް ޖެހިލުންވެފައިކަމަށެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ ހަމަޖެހުނު ކަމަށް އޭނާ ބުނިއެވެ. އަދި ސެރީނާ އާއި ދެކޮޅަށް ކުޅުމަކީ އަބަދުވެސް އޭނާއަށް ލިބޭ ޝަރަފެއް ކަމަށާއި ނަމަވެސް މުބާރާތުގެ މިހާހިސާބުން ބަލިވާން އެއްވެސް ގޮތަކަށް ބޭނުން ނުވިކަންވެސް ނައޯމީ ފާހަގަކުރިއެވެ.
މިމެޗުން ބަލިވުމުން 24 ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށް މާގެރެޓް ކޯޓްގެ ރިކޯޑާއި ހަމަކުރުމަށް ސެރީނާއަށް މިވަނީ އިތުރަށް މަޑުކުރަން ޖެހިފައެވެ.

ފައިނަލްގައި ނައޯމީ ބައްދަލުކުރާނީ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކުރި ޖެނިފަރ ބްރެޑީއާއެވެ. މުބާރާތުގައި 22 ވަނައަށް ސީޑް ކުރެވިފައިވާ ބްރެޑީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ޗެކްރިޕަބްލިކްގެ ކެރޮލީނާ މުކޯވާ އާއި ބައްދަލުކުރި މެޗް 2 ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. މިއީ ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ބްރެޑީއަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. ނައޯމީ އާއި ބްރެޑީ އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ސެމީފައިނަލްގައެވެ. އެމެޗް ނައޯމީ ކާމިޔާބުކޮށްފައިވުމާއެކު މިމެޗްގައި މިދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުވުމުގެ ފުރުސަތު ބޮޑެވެ.