ކުޅިވަރު

9 ފަހަރަށް ތަށި އުފުލާލުމުގެ ފުރުސަތު ޖޯކޮވިޗަށް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ސަރބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޖާގަ ހޯދީ ސެމީ ފައިނަލްގައި ރަޝިޔާގެ އަސްލާން ކަރަޓްސެވް ސީދާ 3 ސެޓުން ބަލިކުރުމަށްފަހުއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ނިމުނީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ދޭކުންނެވެ. މިމެޗް ސީދާ ތިން ސެޓުން ޖޯކޮވިޗް ކާމިޔާބުކުރި ނަމަވެސް ކަރަޓްސެވްވަނީ މެޗްގައި ދޭތެރެ ދޭތެރެއިން ޖޯކޮވިޗް ހާސްކޮށްލާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ މިއީ މި މުބާރާތުގައި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަދާ ނުލާ ހަަމަޖެހިލައިގެން ކުޅެވުނު ފުރަތަމަ މެޗް ކަމަށެވެ. އަދި ތަދު ކެނޑިގެން މިދިޔައީ އެންމެ ރަނގަޅު ވަގުތުގައި ކަމަށްވެސް ޖޯކޮވިޗް ބުނިއެވެ.

2008 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަންގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލި ޖޯކޮވިޗްއަކީ މިހާރު މިމުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ތައްޓާ އެންމެ ގާތް ކުޅުންތެރިޔާއެވެ. އަދި މިފަހަރު އޭނާ ފައިނަލްގައި ނިކުންނާނީ މި މުބާރާތް 9 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

މިމެޗުން ބަލިވި ނަމަވެސް ކަރަޓްސެވްވަނީ މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައެވެ. މީގެކުރިން ދުވަހަކުވެސް ގްލޭން ސްލޭމް މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަރަޓްސޭވް މިފަހަރުގެ މުބާރާތުން ޖާގަ ހޯދީ ކޮލިފައިން ކުޅެގެންނެވެ. އަދި މިއީ ގްރޭން ސްލޭމް މުބާރާތަކުން ޖާގަހޯދުމަށްޓަކައި ކޮލިފައިން ކުޅުނު 8 ވަނަ ފަހަރެވެ.

ދުނިޔޭގައި 114 ވަނައަށް ރޭންކް ކުރެވިފައިވާ ކަރަޓްސެވް މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުން އޭނާ ވެފައިވަނީ ފަހުގެ ތާރީހެއްގައި ގްރޭން ސްލޭމް މުބާރާތެއްގައި އަލަށް ވާދަކޮށް ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މި މުބާރާތުގެ މިހާހިސާބަށް ދަތުރު ކުރުމުން އަންނަ ހޯމަ ދުވަހު އިއުލާންކުރާ ދުނިޔޭގެ ރޭންކިންގ އެންމެ މޮޅު 50 ކުޅުންތެރިންގެ ލިސްޓަށް އޭނާ އަރާނެކަން މިހާރުވަނީ ޔަގީންވެފައެވެ. އަދި ދުނިޔޭގެ މޮޅެތި ކުޅުންތެރިންނާއި އެއް ފެންވަރެއްގައި ވާދަ ކުރުމަށްޓަކައި ކޮލިފައިން ކުޅުމުގެ ބަދަލުގައި އެ ފުރުސަތު ގަވައިދުން ލިބޭނެ ކުޅުންތެރިޔަކަށް ކަރަޓްސެވް ވާނެކަން ވަނީ ކަށަވަރުވެފައެވެ.

މިފަހަރުގެ މުބާރާތުން އެނާއަށް ފައިސާގެ އިނާމްގެ ގޮތުގައި 475 ހާސް ޕައުންޑް ލިބިގެންދާނެއެވެ. މި މުބާރާތުގެ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރާ ކުޅުންތެރިއެއް ކަށަވަރު ވެގެން ދާނީ ޑާނިލް މެޑްވެޑޭވް އާއި ސްޓެފަނޯސް ސިޓްސިޕާސް ބައްދަލު ކުރާ ސެމީ ފައިނަލަށްފަހުއެވެ.