ދުނިޔެ

އިދިކޮޅު ލީޑަރު ހައްޔަރުކުރުން، ބޮޑުވަޒީރު އިސްތިޢުފާ ދީފި


ޖޯޖިއާގެ ބޮޑުވަޒީރު ޖިއޯޖީ ގަޚާރިއާ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. 2019ވަނަ އަހަރުން ފެށިގެން ޖޯޖިއާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ގަޚާރިއާ އިސްތިޢުފާ ދެއްވާފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރެއްކަމަށްވާ ނިކާ މީލިއާ ބަންދުކުރުމާއި ގުޅިގެން ސަރުކާރާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހުއެވެ.

2019ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖޯޖިއާގެ މަގުތަކުގައި ބޭއްވި މުޒާހަރާތަކެއްގައި ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް މޫވްމަންޓް (ޔޫއެންއެމް)ގެ ޗެއާމަންކަމުގައިވާ މީލިއާ ހިތްވަރު ދީފައިވާކަމަށްވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މީލިއާވަނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އުފުލާފައިވާ ދައުވާއެއްކަމަށް ބުނެފައެވެ.

ޖޯޖިއާގެ ވެރިކަންކުރާ ސިޓީ ބިލިސީގެ ކޯޓަކުންވަނ މީލިއާ ބަންދުކުރުމަށް ބުދަ ދުވަހު އަމުރުކޮށްފައެވެ. އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކޯޓަށް ހާޒިރުވާން ކަނޑައަޅާ ދުވަހަށް ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަފާލާތް ދެއްކުމަށް އޭނާ ނުކުޅެދުމުންކަމަށް ކޯޓުންވަނީ ބުނެފައެވެ. ބޮޑުވަޒީރު ގަޚާރިއާ އިސްތިޢުފާ ދެއްވުމާއި ގުޅިގެން ޖޯޖިއާގެ ދާޚިލީ ވުޒާރާއިންވަނީ މޭލިއާ ބަންދުކުރުމަށް ކުރި އަމުރު ތަންފީޒުކުރުން ލަސްކޮށްފައިވާކަމަށް އިޢުލާނުކޮށްފައެވެ.

މީލިއާ ބަންދުކޮށްފައި ބެހެއްޓުމާއި ގުޅޭގޮތުން ގަޚާރިއާ ވިދާޅުވީ އޭނާ ބަންދުގައި ބެހެއްޓުމަކީ ޖޯޖިއާގެ 3.7 މިލިއަން މީހުންގެ މެދުގައި ސިޔާސީ ބައިބައިވުންތަކަށް ތަންދޭ ކަމެއްނަމަ އޭނާ ބަންދުގައި ބެހެއްޓުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މަޤާމުން އިސްތިޢުފާ ދިނުމަށް ނިންމި ނިންމުމަކީ ޤައުމުގައި އޮތް ބައިބައިވުން ނައްތާލުމާއި ގާތަށް އެޅޭ ފިޔަވަޅަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޖޯޖިއަން ޑްރީމް ރޫލިންގ ޕާޓީގެ ޗެއާމަން، އިރަކްލީ ކޮބަޚިދްޒޭ ވިދާޅުވީ ގަޙާރިއާގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް އިސްކުރާނެ ފަރާތެއްގެ ނަން އިއްޔެ ވަނީ އެ ޕާޓީން ހުށަހަޅާފައެވެ.