ކުޅިވަރު

ލިވަޕޫލާއި ލިޕްޒިގް ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16އިގެ ފުރަތަމަ ލެގްގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލާއި ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލިޕްޒިގް ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ކޯވިޑްގެ ސަބަބުން ޖަރުމަނުވިލާތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިމެޗް ކުޅެފައިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައެވެ. މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލްގެ ފަރާތުންވަނީ އެޓީމްގެ މޮޅު ކުޅުން އަނެއްކާވެސް ފެނިގެން ގޮސްފައެވެ. ލީގުގައި އެންމެފަހުން އެޓީމް ކުޅުނު ތިން މެޗުން ބަލިވެފައިވުމުން މިމެޗްގައި އެޓީމަށް ގިނަ ދަތިތަކަކާއި ކުރިމަތިވާނެކަމަށް ބެލެވުނު ނަމަވެސް އޭގެ އެއްވެސް އަސަރެއް ނުފެނުނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ މުހައްމަދު ސަލާއެވެ. އަދި އޭގެ ފަސް މިނެޓްފަހުން އެޓީމްގެ ދެވަނަ ލަނޑު ޖަހާދިނީ ސާޑިއޯ މާނޭއެވެ. އާންމުކޮށް އިދިކޮޅު ޓީމްތަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތި ކުރުވާ ލިޕްޒިގަށް ލިވަޕޫލްގެ ހީނަރުވެފައިވާ ޑިފެންސް ފޫއަޅުވާލެވޭގޮތެއް މިމެޗްގައި ނުވިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި ޓީމް މިހާރު އޮތް ހާލަތުގެ ސަބަބުން މިމެޗުންވެސް އޭނާގެ ޓީމް ބަލިވާނެ ކަމަށް ގިނަ ބަޔަކު ހީކުރާނެ ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން އެގޮތަށް ނުދެކޭ ކަމަށާއި އެކަމާއި އޭނާ އުފާކުރާ ކަމަށެވެ. މިއީ ލިވަޕޫލަށް މޮޅުވުން ވަރަށް މުހިންމު މެޗެއް ކަމަށާއި އަދި ލިޕްޒިގަކީ އިދިކޮޅު ޓީމްތަކަށް ވަރަށް ނުރައްކާ ތެރި ޓީމެއް ކަމަށްވީ ނަމަވެސް މިމެޗްގައި އޭނާގެ ޓީމުން ވަރަށް ފުރިހަމައަށް ލިޕްޒިގް ކޮންޓްރޯލް ކުރިކަމަށްވެސް ކްލޮޕް ހާމަކުރިއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މާރޗްމަހުގެ 10 ވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ.