ކުޅިވަރު

އިންޓަރނޭޝަނަލް ބްރޭކާއިއެކު އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވެދާނެ - ގާޑިއޯލާ


މިއަންނަމަހު އޮންނަ އިންޓަރނޭޝަނަލް ބްރޭކާއި އެކު ކޯވިޑް ޖެހޭ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި އެކަމަށް އިންގްލިޝް ޕްރިމިއަރ ލީގުން ވިސްނުން މުހިންމު ކަމުގައި މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ. ގާޑިއޯލާ މިކަން ހާމަކޮށްފައިވަނީ އެވަޓަންއާއެކު މިރޭ ކުޅޭ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އެވަޓަންއާއި މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗަކީ ކޯވިޑްގެ ސަބަބުން ފަސްކުރެވުނު މެޗެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް މިމެޗް ފަސް ކުރަން ޖެހުނީ ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. އެދުވަސްވަރު ސިޓީގެ އިތުރުން ނިއުކާސަލް، ފުލަމް، އެސްޓަންވިލާގެވެސް ގިނަ ކުޅުންތެރިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވުމުން އެޓީމްތަކުގެ ބައެއް މެޗްތައްވެސް ފަސްކުރަން ޖެހުނެވެ. އަދި ވަކި ހިސާބަކުން ލީގު މެދު ކަނޑާލަން ޖެހިދާނެކަމަށްވެސް ހީވެގެންދިޔައެވެ.

ގާޑިއޯލާ ހާމަކުރިގޮތުގައި މިހާރު ލީގުގެ ހާލަތު ރަނގަޅު ނަމަވެސް މިއަންނަ މަހު ޤައުމީ ޓީމްތަކުގެ މެޗްތައް ކުޅުމަށް ގިނަ ކުޅުންތެރިން އެކި ޤައުމުތަކަށް ދަތުރުކުރާއިރު ކޯވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. ފީފާ ވާރލްޑް ކަޕްގެ ކޮލިފައިންގެ މެޗްތައް މިއަންނަ މަހަށް ތާވަލް ކޮށްފައިވާއިރު ކުޅުންތެރިން އެނބުރި އަންނައިރު ކޯވިޑްގެ އަސަރު ކޮށްފައިވާ ކުޅުންތެރިން ތިބުން ގާތްކަމަށްވާތީ މިއީ ޕްރިމިއަރ ލީގުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގާޑިއޯލާ ހާމަކުރެއެވެ.

ގާޑިއޯލާ ހާމަކުރިގޮތުގައި ކޯވިޑުން ސަލާމަތްވުމަށް ކުރެވެން އޮތް ކަމަކީ ގޭގައި މަޑުކޮށް ގައިދުރުކަން ބަހައްޓާ، ދަތުރުނުކޮށް ތިބުން ކަމަށާއި ނަމަވެސް ގިނަ ކުޅުންތެރިން ޤައުމީ ޓީމްގެ ޚިދުމަތަށް ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރާއިރު ކޯވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިންގެ އަދަދު އިތުރުވުން ގާތްކަމަށެވެ. އެހެން ނުވެއްޖެނަމަ ކިތައްމެހާވެސް ރަނގަޅު ކަމަށާއި ނަމަވެސް ވޭތުވެދިޔަ ތަނުގައި ކަންވެފައިވާ ގޮތަށް ބަލާއިރު ދަތުރު ކުރާނަމަ ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.

ޕްރިމިއަރ ލީގުގެ ލިޔެކިޔުންތަކުން ހާމަވާގޮތުގައި މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ އިންޓަރނޭޝަނަލް ބްރޭކަށްފަހު ވައިރަސް ޖެހުނު ކުޅުންތެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެންދިޔައެވެ. ފީފާއިން ހާމަކޮށްފައިވާގޮތުގައި ޤައުމީ ޓީމްގެ ޚިދުމަތަށް ޕޯޗުގަލް އާއި ދެކުނު އެމެރިކާގެ ކުޅުންތެރިން ދޫކުރުން ކްލަބް ތަކަކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ކުޅުންތެރިން ޤައުމު ތަމްސީލް ކުރަން ބޭނުންވެއްޖެނަމަ ކްލަބް ތަކުން ކަންކުރާނެ ގޮތެއް ނޭނގެއެވެ. އިނގިރޭސިވިލާތުގައި ދަތުރުފަތުރު ކުރުމުގެ ގަވާއިދު މިހާރު އޮތް ގޮތުން ރެޑް ލިސްޓްގައި ހިމެނޭ ޤައުމަކަށް ދަތުރު ކޮށްފިނަމަ އެނބުރި އައިސް 10 ދުވަސް ވަންދެން ކަރަންޓީން ވާންޖެހެއެވެ.