ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16ގެ ފުރަތަމަ ލެގްގައި ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ އާއި ފްރެންޗް ލީގްގެ ޕެރިސް ސެއިންޓް ޖަރމައިން ބައްދަލުރި މެޗް ފަސޭހަ ކަމާއެކު ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ. ބާރސާގެ ދަނޑު، ކޭމްޕް ނޫ ގައި ކުޅުނު މިމެޗް ޕީއެސްޖީ ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނުނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ބާރސާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިޕެނަލްޓީއަކީ ބާރސާގެ ފްރޭންކީ ޑި ޖޮންގއަށް ޕީއެސްޖީ ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. އަދި އޭގެ މިނެޓެއް ފަހުން ބާރސާގެ އުސްމާން ޑެމްބެލޭއަށް އެޓީމްގެ ލީޑު ފުޅާ ކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޕީއެސްޖީންވަނި ބާރސާއިން ލަނޑު ޖެހިތާ 5 މިނެޓްފަހުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި ކައިލިއަން އެމްބާޕޭއެވެ. މިމެޗްގައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 65 ވަނަ މިނެޓްގައި އެމްބާޕޭ ޖެހި ދެވަނަ ލަނޑާއެކުއެވެ. އަދި އޭގެ ފަސް މިނެޓްފަހުން މޮއިސް ކީން ޖަހާދިން ލަނޑާއެކު ޕީއެސްޖީން އެޓީމްގެ ލީޑު ފުޅާކުރިއެވެ. ޕީއެސްޖީން އެޓީމްގެ ފަހު ލަނޑު ޖަހާފައިވަނީ މެޗްގެ 85 ވަނަ މިނެޓްގައެވެ. މިލަނޑު ޖަހާ އެމްބާޕޭވަނީ މިމެޗްގައި އޭނާގެ ހެޓްރިކް ހަދާފައެވެ. އަދި އޭނާ ވެފައިވަނީ ބާރސާއާއި ދެކޮޅަށް ކުޅެ ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހެދި ތިންވަނަ ކުޅުންތެރިޔާއަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ ފައުސްޓީނޯ އަސްޕްރިއްޔާ އާއި އަންދްރެއި ޝެވްޗެންކޯއެވެ.
މި ކާމިޔާބީއާއެކު ފަހު 16ގެ ދެވަނަ ލެގަށް ނިކުންނައިރު ޕީއެސްޖީއަށް މިވަނީ ތިން ލަނޑުގެ ލީޑެއް ލިބިފައެވެ. ނަމަވެސް މިވަރުން ދެލެގްގެ މައްޗަށް ކުޅޭ މި ކުރިމަތިލުން ކާމިޔާބުވީ ކަމަށް ބަލައިގެން ޕީއެސްޖީ ފަރުޖައްސާލާނެ ހެން ހިއެއް ނުވެއެވެ. އެއީ
2016-2017 ވަނަ ސީޒަންގެ ފަހު 16 ގެ ސްޓޭޖްގައި މިދެޓީމް ބައްދަލުކުރި ފަހަރު ފުރަތަމަ ލެގް 4 ލަނޑު ސުން ލަނޑުން ޕީއެސްޖީ ކާމިޔާބު ކުރި ނަމަވެސް ބާރސާއިންވަނީ ދެވަނަ ލެގް 6 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ޕީއެސްޖީ ސިއްސުވާލާފައެވެ. އެހެންކަމުން ޕީއެސްޖީން މިކަމަށް ސަމާލުވާނެކަމަށް ބެލެވެއެވެ. ނަމަވެސް ޕީއެސްޖީން ދެވަނަ ލެގްގެ މެޗަށް ކުރިމަތިލާއިރު އެޓީމްގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ނޭމާ އާއި ޑި މާރިއާ އެމެޗަށް ފިޓްވާނެކަމަށް ބެލެވެއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މާރޗްމަހުގެ 10 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައެވެ.