ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލުން ސެރީނާ ވިލިއަމްސް އާއި ނައޯމީ އޮސާކާ ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން އެމެރިކާގެ ސެރިނާ ވިލއަމްސް އާއި ޖަޕާންގެ ނައޯމީ އޮސާކާ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުން ސެރީނާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި މުބާރާތުގެ ދެވަނަ ސީޑް ސިމޯނާ ހަލެޕްއާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ސެރީނާ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެެއް އަދި ހައެއް ތިނަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސެރީނާ ހާމަކުރިގޮތުގައި މިއީ މިފަހަރުގެ މުބާރާތުގައި އޭނާއަށް އެންމެ ރަނގަޅަށް ކުޅެވުނު މެޗެވެ. ސެމީ ފައިނަލްގައި ސެރީނާ ވާދަކުރާނީ ނައޯމީ އޮސާކާ އާއެވެ.

ނައޯމީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޓައިވާންގެ ސިއެހް ސޫވެއި އާއި ބައްދަލުކުރި މެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ދޭއް، ހައެއް ދޭކުންނެވެ. މިއީ 2018 ވަނަ އަަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި މިދެކުޅުންތެރިން ބައްދަލުކުރި ފަހުން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލް ވެގެން ދިޔައީ ގިނަ ކަންތައްތަކެއް ހިނގާދިޔަ ފައިނަލަކަށެވެ. އެފަހަރުގެ މެޗް ކާމިޔާބުކުރީ ނައޯމީއެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމިފައިނަލުން ކެރޮލީނާ މުކޯވާ އާއި ޖެނިފަރ ބްރެޑީ ވެސްވަނީ ޖާގަހޯދާފައެވެ. މި މުބާރާތުގެ ސެމީފައިނަލުން މުކޯވާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާރޓީ އާއި ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ އެކެއް ހައެއް، ހައެއް ތިނެއް އަދި ހައެއް ދޭކުންނެވެ.
މުކޯވާ ސެމީފައިނަލްގައި ވާދަކުރާނީ އެމެރިކާގެ ބްރެޑީއާއެވެ.

ބްރެޑީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޖެސިކާ ޕެގޫލާ އާއި ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހަތަރެއް ހައެއް، ހައެއް ދޭއް އަދި ހައެއް އެކަކުންނެވެ.