ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ޖޯކޮވިޗް ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ. ޖޯކޮވިޗް ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ދެކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ޓައިބްރޭކްއަކަށް ގޮސްގެން ހައެއް ހަތަކުން ކާމިޔާބުކުރީ ޒްވަރޭވްއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓް ޖޯކޮވިޗްވަނީ ހައެއް ދޭއް، ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުން ކާމިޔާބުކޮށް މިމެޗް ކާމިޔާބުކޮށްފައެވެ. ސެމީ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރާނީ ގްރޭންޑް ސްލޭމް މުބާރާތެއްގައި މުޅިން އަލަށް ވާދަކުރަމުންދާ އަދި މި މުބާރާތުގެ ހައިރާން ކުރުވަނިވި ކުޅުންތެރިޔާ ރަޝިޔާގެ އަސްލާން ކަރަޓްސެވްއާއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ކަރަޓްސެވް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފް އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ކަރަޓްސެވް ކާމިޔާބުކުރީ 3 ސެޓް އެއް ސެޓުންނެވެ. އެއީ ދޭއް ހައެއް، ހައެއް ހަތަރެއް، ހައެއް އެކެއް އަދި ހައެއް ދޭކުންނެވެ. މިމެޗްގައި ޑިމިޓްރޯވްއަށް އަނިޔާވުމުގެ ސަބަބުން ފަހު ދެސެޓް އޭނާ ކުޅުނީ އަނިޔާގައި ހުރެގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކަރަޓްސެވް ބުނީ ގްރޭންޑް ސްލޭމް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ސެމީ ފައިނަލުން ޖާގަލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއަހަރު މިބަލަނީ މިވަގުތު ހިތްހަމަ ޖައްސާލުމުގައި ކަމަށާއި ދެން އޮތް މެޗަށް މާބޮޑަށް ނުވިސްނާކަމަށްވެސް އޭނާ ބުންޏެވެ.