ކުޅިވަރު

ލޭކަރސް އާއި ޓިމްބަރވުލްވްސްގެ މެޗް ލޭކަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލެކަރސް ކާމިޔާބުކުރީ 112 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 30 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދިން ލެބްރޮން ޖޭމްސްއެވެ. އަދި ޑެނިސް ޝްރޮޑަރވަނީ އެޓީމަށް 24 ޕޮއިންޓް ހޯދާދީފައެވެ. ޓިމްބަރވުލްވްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދިން އެންތަނީ އެޑްވަރޑްސްއެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗް 128 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާ 11 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދިން ކްރިސް ޕޯލްއެވެ.

މީގެއިތުރުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗް 115 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. އަދި ޓޮރޮންޓޯ ރެޕްޓަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗް 124 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. ނިއުއޯލިއަންސް ޕެލިކަންސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗް 144 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.