ޚަބަރު

ހިޔާ ފްލެޓަށް އެންމެ ކުޑަކޮށް ދައްކަންޖެހޭނީ މަހަކު 7000 ރުފިޔާ


ހިޔާ މަޝްރޫތަކުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެންމެ ކުޑަވެގެން ދައްކަންޖެހޭނީ މަހަކު 7000 ރުފިޔާ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރުފިޔާ ކަމަށާއި، އެއީ ޑައުންޕޭމަންޓަށް ފައިސާ ދެއްކުމުން އެންމެ ކުޑަކޮށް ދެއްކޭނެ ޢަދަދުކަމަށެވެ. ނަމަވެސް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އަގުތަކާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ. ވިދާޅުވީ، އަދިވެސް އެ އަގުތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"ހަތަރު އޮޕްޝަނެއް އެބައިން އޭގަ. އެ އޮޕްޝަންގެ ތެރެއިން އެންމެ ކުޑަކޮށް އޮތް އޮޕްޝަންގެ ތެރޭގައި އޮންނަނީ 7000 ރުފިޔާއޭ ދައްކަން ޖެހޭނީ މަހަކު. އެއީ ޑައުންޕޭމަންޓްގެ ބައެއް ދައްކާފައި މަހުން މަހަށް 20 އަހަރުން ދައްކާކަމަށްވަންޏާ ދައްކާވަރެއް. އެއްވެސް ޑައުންޕޭމަންޓެއް ނުދައްކާނަމަ ދައްކަންޖެހޭ ވަރެއްވެސް އެބައޮތް. އެކީގަ ފްލީ ޕޭކޮށްގެން ދައްކަންޖެހޭ ގޮތްތައްވެސްބަހުރި. އެހަތަރު އޮޕްޝަން އަދި ފައިނަލައިޒްކޮށްލަން އެބައޮތް." މިިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރު ވަނީ އިޢުލާންކޮށްފައެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނީ 6720އަށް ބަދަލުވެފައެވެ. ދާއިމީ ލިސްޓްގައިވާ މީހުންނަށް ފްލެޓްތައް ދޫކުރުމުގެ ކުރިންވެސް ބަލަންޖެހޭ ބައެއްކަންކަން ފާހަގަކޮށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށާއި، އެކަންކަން ބަލާ ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ޢާންމުކޮށްފައިވާއިރު، ދާއިމީ ލިސްޓްގައިވެސް މައްސަލަތަކެއް އުޅޭނަމަ އެކަން ޙައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.