ޚަބަރު

ފްލެޓް ނުލިބުނު މީހުން ބޯހިޔާވަހި ކަމަށް އިތުރަށް ފޯމް ހުށަހަޅަން ނުޖެހޭނެ - އަސްލަމް


ކުރިއަށްހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދާއިރު ހިޔާ މަޝްރޫގެ ދަށުން ފްލެޓް ނުލިބުނު މީހުން ހިމަނާނެ ކަމަށާއި، އެފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ މަޝްރޫޢާއި ގުޅޭގޮތުން މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫގެ ތެރެއިން ފްލެޓް ނުލިބުނު މީހުންގެ ތެރޭގައި ކުރިން ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކުރި ބައެއް މީހުންނާއި، %50 މަތިން މާކްސް ނުލިބުމުން ފްލެޓް ނުލިބުނު މީހުން ހިމެނޭކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން އެމީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އައު މަޝްރޫޢުއެއް އަންނައިރު، ކުރިން ފޯމް ލީ މީހުންގެ ޙާލަތަށް ބަދަލު އައިސްފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް އެ ފްލެޓްތަކަށް ކުރިމަތިލި މީހުން ބާކީވިޔަ ނުދެއްވާނެކަމަށެވެ. އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއްކަން ސަރުކާރަށް ވިސްނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެއް އަހަރު ފަހުން އޭގެތެރެއިން މީހެއްގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެދާނެ. އެހެންނަމަވެސް އޭނާގެ ދިރިއުޅުމުގެ ހާލަތު ބަދަލުވިތޯއާއި، އޭނާއަށް ބޭނުންވޭތޯ ބެލުމަށް އޭނާއަކީ ހުރި މީހެއްގެ ގޮތުގައި ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ނަމަވެސް 6720 ފްލެޓްގެ އިވެލުއޭޝަން ކްރައިޓީރިއާ ނުހުރެދާނެ. ކޮންމެސްވަރަކަށް ބަދަލުވެދާނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫގެ ފްލެޓްތަކާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ، ކުރީ ސަރުކާރުގައި ވަރަށް ދަށުން މާކްސް ލިބުނު މީހުންނަށްވެސް ފްލެޓް ލިބޭނެ ކަމަށް ބުނެ ލިޔުން ހަވާލުކޮށްފައި އެބަހުރިކަމަށާއި، ނަމަވެސް މިހާރު ސަރުކާރުގެ ކެބިނެޓުން ނިންމާފައިވަނީ، ފްލެޓް ލިބޭނީ އެކަމަށް ކަނޑައަޅާ ޝަރުތުތަކުގެ ތެރެއިން %50 މަތިން މާކްސް ލިބޭ މީހުންނަށްކަމަށެވެ. އެހެންކަމުން %50 އިން ދަށުން މާކްސް ލިބޭ މީހުންނަށް ފްލެޓް ނުދިނުމަށް ކެބިނެޓުން ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ހިޔާ މަޝްރޫޢުގައި އެއް ކޮޓަރީގެ ފްލެޓްތަކަށްކުރިމަތި ލާފައިވާ މީހުންނަށް ފްލެެޓް ދިނުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތީ ސަރުކާރު ކުންފުނިތަކުން ޢިމާރާތްކުރާ ފްލެޓްތަކުންކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށާއި، މަސައްކަތްކުރިއަށްދަނީ އެންމެ ދެ ކުންފުންޏެއްގެ ފްލެޓްގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ނިންމާފައި އޮތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޢިމާރާތްކުރާ ފްކެޓްތަކުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ސަރުކާރުން ގަތުމަށްފަހު ދޫކުރުމަށްކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ ފްލެޓްތަކުގައި އެއްކޮޓަރީގެ 36 ފްލެޓެއް ހިމެނޭކަމަށާއި، އެ ފްލެޓްތަކުގެ ތެރެއިން 34 ފްލެޓް ދޫކުރުމަށް ކަނޑައަޅާފައި މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިން އެއް ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައިވާ މީހުންނަށްކަމަށެވެ. އަދި އަނެއް ދެ ފްލެޓް ދޫކުރާނީ މާލޭ ރަށްވެހިންގެތެރެއިން އެންމެ މަތިން މާކްސް ލިބުނު ދެފަރާތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގިނަ އެސްއޯއީ ތަކުންކުރިއަށް ގެންދަން ބޭނުމެއް ނުވި، އެއީ އޭރުގެ އިންތިޚާބާއި ދިމާކޮށް ކުންފުނިތަކުގެ ބޮލުގަ އަޅުވާފައިވާ ކަމަށް ޤަބޫލުކުރެވޭތީ. އެމްޑަބްލިއުއެސްސީގެ 36 ފްލެޓެއް ހިޔާގައި އެބައިން. ކުރިން އެއްބަސްވެފައިވަނީ އެއް ކޮޓަރީގެ ތަންތަން ގަތުމަށްކަމަށް. އެގޮތުން އެވެއިލަބަލް 36 ތަން އެއީ މަދު ޢަދަދަކަށްވާތީ އެކަން ކުރުމަށް އެންމެ އެކަށީގެންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ މީހުންނަށް ދޫކުރުމަށް. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެއްކޮޓަރީގެ ކެޓަގަރީން 50 އަށްވުރެ މަތިން މާކްސް ލިބިފައިވަނީ 34 ފަރާތަކަށް. އޭރުން އެ ކެޓަގަރީ އެއްކޮށް ހައްލުވާނެ. އެހެންކަމުން އެފަރާތްތަކަށް އެ ފްލެޓް ދިނުމަށްފަހު ބާކީ ދެ ފްލެޓް މާލޭގެ ރަށްވެހިންގެ ތެރެއިން އެއްކޮޓަގަރީގެ ލިސްޓުން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ދޫކުރުމަށް ކެބިނެޓުން ނިންމާފައިވަނީ."މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ހިޔާ މަޝްރޫޢުގައި ޢިމާރާތްކުރި 7000 ފްލެޓަށް 25 ހާހަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

އިންސާފު

އަސްލަމު ފުލެޓް ދޭނަމޭ ބުންޏަސް މިފަހަރު ޤަބޫލެއް ނުކުރާނަން....އަތައް ފުލެޓުގެ ތަޅުދަނޑި ނުލެބެނީސް. މިހާރުވެސް ހަވާލުނުކޮށް އެތައް ފުލެޓް އެބަހުރި...

ލޮލް

ބުހުތާން ދޮގު %50 ލިބުނުމީހުނައް ފުލެޓްދިންއިރު ކޮބާ އަހަންނައް ދިން ފުލެޓު އަހަންނައްވެސް ލިބުނު %60 ޕަސެންޓު

ލޮލް

ބުހުތާން ދޮގު 50 ޕަސެންޓުން މަތީމީހުނައް ފުލެޓް ދިންއިރު ކޮބާ އަހައްނައްދިން ފުލެޓު އަހައްނައް ލިބުނު 60 ޕަސެންޓު ‏