ޚަބަރު

ޑރ. ޒާހިރު އީސީއަށް އައްޔަންކުރަން މަޖިލީހުގެ ރުހުން


ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަންކުރުމަށް ރައްޔިތުން މަޖލީހުން ފާސްކޮށްފިއެވެ. ޑރ ޒާހިރު އެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި 37 މެމްބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރު ވަނީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކުރައްވާފައެވެ. ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ޑރ.ޒާހިރު ވަނީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ޤާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެއެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފާއި، ނާއިބު ރައީސް އިސްމާޢީލް ޙަބީބާއި، މެންބަރު ޢަލީ ނަޝާތުއާއި މެންބަރު ފުއާދު ތައުފީޤްއެވެ.