ކުޅިވަރު

ޝިކާގޯ ބުލްސް އާއި އިންޑިއާނާ ޕޭސަރސްގެ މެޗް ބުލްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ޝިކާގޯ ބުލްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރި މެޗް ބުލްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބުލްސް ކާމިޔާބުކުރީ ހަތަރު ކުއާޓަރ ނިމުނުއިރު 105 ޕޮއިންޓުން ދެޓީމް އެއްވަރުވުމުން އޯވަރ ޓައިމް ކުޅެ 120 ޕޮއިންޓް 112 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނެގި ޒެކް ލެވީންއެވެ. އަދި ކޮބީ ވައިޓްވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދިން ޑޮމަންޓާސް ސަބޮނިސްއެވެ. އަދި މެލްކަމް ބްރިގްޑޮންވަނީ އެޓީމަށް 23 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖޫލިއަސް ރެންޑްލްވަނީ އެޓީމަށް 44 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާފައެވެ. އަދި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދާދީ 18 ރީބައުންޑް ނަގާދިން ކްލިންޓް ކަޕޭލާއެވެ.

މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސްއާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗް 131 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގައި ވިޒަޑްސްގެ ބްރެޑްލީ ބީލްވަނީ 37 ޕޮއިންޓް ހޯދާދީފައެވެ. އަދި ރޮކެޓްސްގެ ޖޯން ވޯލްވަނީ އެޓީމަށް 29 ޕޮއިންޓް ހޯދާދީ 11 އެސިސްޓް ކޮށްފައެވެ.

މި މުބާރާތުގައި ޔޫޓާ ޖޭޒް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރި މެޗް 134 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. އީސްޓަން ކޮންފަރެންސް އާއި ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ މިދެޓީމްގެ މެދުގައި ކުޅުނު މިމެޗްގައިވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގައި ޖޭޒްގެ ޖޯޑަން ކްލާކްސަންވަނީ އެޓީމަށް 40 ޕޮއިންޓް ހޯދާދީފައެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ޕޮއިންޓް ހޯދާދިން ބެން ސައިމަންސްއެވެ. އަދި ޓޯބިއަސް ހެރިސް ވަނީ އެޓީމަށް 36 ޕޮއިންޓް ހޯދާދީފައެވެ.