އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗް ވެސްޓް ހޭމް ކާމިޔާބު ކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ވެސްޓް ހޭމްއިން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޝެފީލްޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސް ބަޝާމް ވެސްޓް ހޭމްގެ ޖެސީ ލިންގާޑަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން ޑެކްލަން ރައިސްއެވެ. މިމެޗްގައި ވެސްޓް ހޭމްގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އީސާ ޑިއޮޕް އެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރަޔަން ފްރެޑްރިކްއެވެ. މިމެޗްގައި ޝެފީލްޑަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެޓީމްގެ ޑޭވިޑް މެކްގޯލްޑްރިކްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ ވެސްޓް ހޭމްގެ ކީޕަރ ލޫކަސް ފަބިއާންސްކީ ދިފާއުކޮށްފައެވެ.
މިމެޗުން މޮޅުވުމުން ވެސްޓް ހޭމް މިހާރުވަނީ ޕޮއިންޓް ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 24 މެޗުން ލިބިފައިވާ 42 ޕޮއިންޓާއި އެކުއެވެ. ތާވަލްގެ ހަތަރު ވަނައިގާ އުޅޭ ޗެލްސީއަށްވެސް ލިބިފައިވަނީ 42 ޕޮއިންޓެވެ. ނަމަވެސް ޗެލްސީއަށް ކުރި ލިބެނީ ޖަހާފައިވާ ގޯލަށް ބަލާއިރުއެވެ.
މިކާމިޔާބީއާއެކު ޔޫރަޕްގެ ޖާގައެއް މިއަންނަ ސީޒަންގައި ލިބުމުގެ ފުރުސަތު ވެސްޓް ހޭމްއަށް މިހާރު ބޮޑުވެފައިވީ ނަމަވެސް އެޓީމްގެ ކޯޗް ޑޭވިޑް މޮއިސް ހާމަކުރިގޮތުގައި އެޕްރީލްގެ ކުރިން ފަސް މެޗް ކުޅެން އެބައޮތް ކަމަށާއި އެހާތަނަށް ދާއިރު ތާވަލްގެ މިހާ ހިސާބުގައި ހިފަހައްޓާ ލެވިއްޖެނަމަ ޔޫރަޕްގެ ވާހަކަ ދައްކަން ރަނގަޅު ކަމަށެވެ. އަދި ތާވަލްގެ ކުރީގައި ތިބީ ހުސް ވަރުގަދަ ޓީމްތައް ކަމަށާއި އެހެންވެ އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށް ޑޭވިޑް މޮއިސް ބުނެފައިވެއެވެ. އަދި ޝެފީލްޑް ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅެ ތިން ލަނޑު ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިމެޗްގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށްވެސް މޮއިސް ހާމަކުރިއެވެ.
ޝެފީލްޑްގެ ކޯޗު ކްރިސް ވައިލްޑަރ ހާމަކުރިގޮތުގައި މިފެންވަރުގައި ކުޅޭއިރު އިދިކޮޅު ޓީމަށް ފަސޭހަ ކޮށްދީގެން ނުވާނެ ކަމަށާއި ނަމަވެސް މިމެޗްގައި އޭނާގެ ކުޅުންތެރިންނަށް އިދިކޮޅު ޓީމަށް ދެގޯލް ހަދިޔާ ކުރެވުނުކަމަށެވެ. އަދި ވެސްޓް ހޭމަށް ޕެނަލްޓީއެއް ލިބުމާ ހަމައަށް އޭނާގެ ކުޅުންތެރިން މިމެޗްގައި ރަނގަޅަށް ކުޅުނު ކަމަށެވެ. މި ނާކާމިޔާބީއާއެކު ޝެފީލްޑް މިހާރު އޮތީ ތާވަލްގެ އެންމެ ފަހަތުގައި 11 ޕޮއިންޓާއެކުއެވެ.