އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް ޗެލްސީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑު ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީ ޓީމޯ ވަރނަރ ނަގާދިން ހުރަހަކުން ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލިވަރ ޖިރޫއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ ވަރނަރއެވެ. މިއީ އޭނާ ވޭތުވެދިޔަ 14 މެޗްގައި ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް މިމެޗްގައި ލިބިގެންދިޔައެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ނިއުކާސަލްއަށް މާ އެދެވޭ ކުޅުމެއް ނުކުޅެވުނެވެ. އަދި ދެވަނަ ހާފްގައި އެޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ބުނީ މިއީ ރަނގަޅު ރެއެއް ކަމަށާއި މިމެޗުން މޮޅުވެއްޖެނަމަ ތާވަލްގެ ހަތަރުވަނައަށް އަރާނެކަން އެނގޭ ކަމަށާއި އެހެންވެ އެފުރުސަތުގެ ބޭނުން ހިފީކަމަށެވެ. އަދި ދެން އޮތީ މިގޮތުގައި ހިފަހައްޓާލުން ކަމުގައި ޓުކެލް ހާމަކުރިއެވެ. ނިއުކާސަލްގެ ކޯޗް ސްޓީވް ބްރޫސް ހާމަކުރިގޮތުގައި ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ގިނަ އުނދަގޫ ތަކަކާއި ކުރިމަތިވީ ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި އޭނާގެ ޓީމްގެ ކުޅުން ރަނގަޅު ކަމަށެވެ.
މިމެޗް ކާމިޔާބު ކުރުމުން ޗެލްސީއަށް ޕޮއިންޓް ތާވަލްގެ ހަތަރުވަނަ ލިބެނީ ކުޅުނު 24 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކުއެވެ. އަދި ކުރިން ހަތަރުވަނައިގާ އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިހާރުވަނީ 6 ވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި ނިއުކާސަލް މިހާރު އޮތީ ކުޅުނު 24 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.