ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި އަރމީނިއާ ބިއެލްފެލްޑް ބައްދަލުކުރި މެޗް އެއްވަރު ވެއްޖެއެވެ. ބަޔޭންގެ އެލިޔާންޒް އެރީނާގައި ކުޅުނު މިމެޗް އެއްވަރުވީ 3 ލަނޑު 3 ލަނޑުންނެވެ.
ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބު ކުރިފަހުން ލީގުގައި ބަޔޭން ކުޅުނު ފުރަތަމަ މެޗްގައި އެޓީމްގެ ފެށުން އެހާ ރަނގަޅެއް ނުވިއެވެ. އެގޮތުންގެ މެޗްގެ ފުރަތަމަ ހާފް އެޓީމް ނިންމާލީ 2 ލަނޑު ސުންލަނޑުން ފަހަތުގައި އޮވެގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ބިއެލްފެލްޑްއިން ކާމިޔާބުކުރީ މެޗްގެ 9 ވަނަ މިނެޓްގައި މައިކަލް ވްލެޕްއެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ބިއެލްފެލްޑްއިންވަނީ އެޓީމްގެ ލީޑު ފުޅާ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އާމޮސް ޕިއެޕަރއެވެ. މިމެޗްގައި ބަޔޭންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިމެޓްގައި ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. ނަމަވެސް ބިއެލްފެލްޑްއިން ވަނީ އޭގެ އެއްމިނެޓް ފަހުން ލަނޑެއް ޖަހާ އަލުން ދެ ގޯލްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ގެބައުއަރއެވެ. މިމެޗްގައި ބަޔޭންގެ ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ ކޮރެންޓިން ޓޮލީސޯއެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ އަލްފަންސޯ ޑެވިސްއެވެ.
މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ އެއްވަނަ ބަޔޭންއަށް ލިބިފައިވާ ލީޑު މިހާރުވަނީ ފަސް ޕޮއިންޓަށް ކުޑަވެފައެވެ. އެއީ ކުޅުނު 21 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އުޅޭ އާރްބީ ލިޕްޒިގަށް ލިބިފައިވަނީ 21 މެޗުން 44 ޕޮއިންޓެވެ. މި ނަތީޖާއާއެކު ބިއެލްފެލްޑް މިހާރު އުޅެނީ 20 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.