ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލުން ނަދާލް އާއި މެޑްވެޑޭވް ޖާގަހޯދައިފި


އަހަރުގެ ފުރަތަމަ ގްލޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ސްޕެއިންގެ ރަފައެލް ނަދާލް އާއި ރަޝިޔާގެ ޑާނިލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ދެވަނަ އަށް ސީޑް ކުރެވިފައިވާ ނަދާލް ޖާގަހޯދީ ހަތަރުވަނަ ބުރުގައި އިޓަލީވިލާތުގެ ފަބިއޯ ފޮގްނިނީ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ނަދާލް ކާމިޔާބުކުރީ ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ދޭކުންނެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ނަދާލް ވާދަކުރާނީ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއެވެ. ފަސްވަނައަށް ސީޑް ކުރެވިފައިވާ ސިޓްސިޕާސްއަށް ކުއާޓަރ ފައިނަލުން ޖާގަލިބުނީ ހަތަރުވަނަ ބުރުގައި އިޓަލީވިލާތުގެ މަޓިއޯ ބެރެޓީނީ އާއި ކުޅެން އޮތް މެޗް އަނިޔާގެ ސަބަބުން ބެރެޓީނީ މެޗް ދޫކޮށްލުމުންނެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން މެޑްވެޑޭވް ޖާގަހޯދީ އެމެރިކާގެ މެކެންޒީ މެކްޑޮނާލްޑް އާއި ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ދޭއް އަދި ހައެއް ތިނަކުންނެވެ.

މިކާމިޔާބީ އާއެކު މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލުން މިވަނީ ރަޝިޔާގެ ތިން ކުޅުންތެރިން ޖާގަހޯދާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓަރ ފައިނަލުން ރަޝިޔާގެ ތިން ކުޅުންތެރިން ޖާގަހޯދި ފުރަތަަމަ ފަހަރެވެ. މެޑްވެޑޭވް ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ރަޝިޔާގެ އަންޑްރޭ ރުބްލޭވް އާއެވެ. ރުބްލޭވް ކުއާޓަރއިން ޖާގަހޯދީ ނޯވޭގެ ކެސްޕަރ ރުޑް އާއި ބައްދަލުކުރި މެޗްގެ ފުރަތަމަ ދެސެޓް ހައެއް ދޭއް އަދި ހަތެއް ހަޔަކުން ރުބްލޭވް ކާމިޔާބުކޮށްފައިވަނިކޮށް ރުޑް އަށް އަނިޔާވެގެން މެޗް ހުއްޓާލުމުންނެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދި ރަޝިޔާގެ ތިންވަނަ ކުޅުންތެރިޔަކީ އަސްލާން ކަރަޓަސޭވްއެވެ. އެންމެ ފަހުން ރަޝިޔާގެ ކުޅުން ތެރިޔަކު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 2005 ވަނަ އަހަރު މަރަތު ސަފިންއެވެ.