އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާރޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން އޮސްޓްރޭލިއާގެ ބާރޓީ ޖާގަހޯދީ ހަތަރުވަނަ ބުރުގައި އެމެރިކާގެ ޝެލްބީ ރޮޖަރސް އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ބާރޓީ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.
ބާރޓީ މަސައްކަތް ކުރަމުންދަނީ 1978 ވަނަ އަހަރަށްފަހު އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާ އޮސްޓްރޭލިއާގެ ފުރަތަމަ ކުޅުންތެރިޔާއަށް ވޭތޯއެވެ. އެންމެފަހުން މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ކުޅުންތެރިޔަކު ހޯދީ މީގެ 43 އަަހަރު ކުރިން ކްރިސްޓީން އޯނީލްއެވެ. މި މުބާރާތުގެ ކުއާޓަރގައި ބާރޓީ ބައްދަލުކުރާނީ ޗެކްރިޕަބްލިކްގެ ކެރޮލިނާ މުކޯވާއާއެވެ. މުކޯވާ ކުއާޓަރ ފައިނަލުން ޖާގަހޯދީ މުބާރާތުގައި 18 ވަނައަށް ސީޑް ކުރެވިފައިވާ ބެލްޖިއަމްގެ އެލީސަ މާރޓެންސް އާއި ބައްދަލުކުރި މެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ހައެއް އަދި ހަތެއް ފަހަކުންނެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި މުބާރާތުގެ ފަސްވަނަ ސީޑް އެލީނާ ސްވިޓޮލީނާ ބައްދަލުކުރި މެޗް ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް ދެސެޓް އެއްސެޓުން ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގަހޯދީ ޕެގޫލާއެވެ. އެއީ ހައެއް ތިނެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޕެގޫލާ ވާދަކުރާނީ އެމެރިކާގެ ޖެނިފަރ ބްރެޑީ އާއެވެ. ބްރެޑީ ކުއާޓަރ އިން ޖާގަހޯދީ ކްރޮއޭޝިއާގެ ޑޮނާ ވެކިޗްއާއި ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހަތެއް ފަހަކުން ކާމިޔާބުކޮށްގެންނެވެ.