ރަސްގެތީމުގައި މަގު ކޮންނަމުން ދަނިކޮށް އަސާރީ ތަކެތި ކަމަށް ބެލެވޭ އެއްޗިހި ތަކެއް ފެނިއްޖެއެވެ.
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ މިތަކެތި ފެނުނީ އެ ރަށުގެ މަގުތައް ކޮންނަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައިކަމަށެވެ. މިތަކެތި ފެނުމުން ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އަދި މިތަކެތި ނަގާ ރައްކާތެރިކުރުމުގެ މަސައްކަތް ރަސްގެތީމުގެ ކައުންސިލާއި ސަޤާޕީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
ރަސްގެތީމުން ފެނުނު ތަކެތީގެ ތެރޭގައި ބޮޑު ރުނބަޔަކާއި ބަދިގޭގައި އިހުގައި ގެންގުޅުނު ބައެއް ސާމާނުތައް ހިމެނެއެވެ.