ޚަބަރު

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމްކޯޓުގެ އަމުރެއް


ކުރީގެ ނާއިބު ރައީސް ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެއްހެއްޓުމަށް ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. އެ ކޯޓުން މި އަމުރު ނެރުނީ ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ދަށުކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމުން އެ މައްސަލަ ދައުލަތުން އިސްތިނާފުކުރުމުންނެވެ.

ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ވަނީ ޖިހާދުގެ ޕާސްޕޯޓާއި ގުޅިގެން އެކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން ވަގުތީ ގޮތުން ޕާސްޕޯޓް ހިފެހެއްޓުމަށް ކަމާއި ގުޅޭ އިދާރާތަކަށް އަންގާކަމަށެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ހެދި އެއްބަސްވުމާއި ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައެވެ. ބޭރަށް ވަޑައިގެންފިނަމަ ޖިހާދު ފިއްލަވާފާނެކަމުގެ ފުރުސަތު އޮތްކަމަށް ބުނެ ކްރިމިނަލްކޯޓުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެއްހެއްޓީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިއެވެ. އެ ނިންމުން މިދިޔަ މަހުގެ 13 ވަނދުވަހު ބާތިލުކުރީ ދަށު ކޯޓްގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައެޅުމަށްފަހުއެވެ.

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ހެދި އެއްބަސްވުމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު ވަނީ އިންކާރުކުރައްވާފައެވެ. ދައުވާއަށް ޖިހާދު އިންކާރުކުރެއްވުމުން ދައުލަތުން ވަނީ ހެކިން ހުށައަޅާފައެވެ. އޭގެތެރޭގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި މި މައްސަލާފައި ޖިހާދު ދެއްވާފައިވާ ބަޔާނާއި ވަޒީރުން މަޖލީހުގެ ބައެއް ލިޔުންތަކާއި އިތުރު ބައެއް ހެކިންވެސް ހިމެނެއެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ހިލާފަށްކަމަށެވެ.

މިގޮތުން ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމެވުމުގައި އޮތް %50 އިންސައްތަ ގެ ބަދަލުގައި، ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑްކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް ޖިހާދުގެ މައްޗަށް އަންނާނެއެވެ.