ކުޅިވަރު

ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއްލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ވެސްޓް ބްރޮމްއިން ފެށީ ވަރަށް ފޯރީގައެވެ. އެގޮތުން މެޗްގެ ދެވަނަ މިނެޓްގައި އެޓީމުންވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލޯން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީމަހު އެޓީމާއި ގުޅުނު އެމްބާޔޭ ޑިއާންގނަރއެވެ. މިއީ ވެސްޓް ބްރޮމްއަަށް އޭނާ ޖަހާދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ޔުނައިޓެޑުން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ޖަހާދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ޔުނައިޓެޑުންވަނީ އެޓީމްގެ ކުޅުން އިތުރަަށް ރަނގަޅުކޮށް ވެސްޓް ބްރޮމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެޓީމަށް އިތުރު ލަނޑެއް މިމެޗްގައި ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ.

މިމެޗް އެެއްވަރުވުމުން ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީއާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އަދި ސިޓީން އެއްމެޗް ނުކުޅެ އޮތުމުން މި ފަރަގު އިތުރު ކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ. ޔުނައިޓެޑަށް 24 މެޗުން މިހާރު ލިބިފައިވަނީ 46 ޕޮއިންޓެވެ. ޔުނައިޓެޑުން ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ކުޅުނު 19 މެޗުން ބަލިވެފައެއް ނުވެއެވެ. މިމެޗް އެއްވަރު ވުމުން ވެސްޓް ބްރޮމް އަދިވެސް އުޅެނީ ރެލިގޭޒަން ޒޯންގައެވެ. އެޓީމް 19 ވަނައިގާ އޮތީ ކުޅުނު 24 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކުއެވެ. އަދި 17 ވަނައިގާ އުޅޭ ނިއުކާސްލް ޔުނައިޓެޑާއި ދެމެދުގައި 12 ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.