ކުޅިވަރު

ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗް ރެއާލް ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ރެއާލްއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހާދިނީ ރެއާލްއަށް ކުޅޭ ފަރަންސޭސިވިލާތުގެ ތަޖްރިބާ ކާރު ފޯވަޑް ކަރީމް ބެންޒީމާއެވެ. އަދި ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގައި ރެއާލްގެ ޓޮނީ ކްރޫސްވަނީ ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ރެއާލްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެން ގޮސްފައިވީ ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަދި ވެލެންސިއާއަށް ރެއާލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ވަރުވީ ދެވަނަ ހާފްގައެވެ. ނަމަވެސް ރެއާލްގެ ގޯލަށް ލަނޑެއް ވައްދާލެވޭވަރެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ރެއާލްމިވަނީ ޕޮއިންޓް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާ އެއްވަނައިގާ އޮތް އެޓްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް އެޓްލެޓިކޯ ދެމެޗް މަދުން ކުޅެފައިވާތީ މިލީޑު ފުޅާކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. ރެއާލްއިން 23 މެޗް ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ވެލެންސިއާ އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.